ޑައުން ސިންޑްރޯމް އެސޯސިއޭޝަނަށް ރައީސް މައުމޫން ޒިޔާރަތް ކުރައްވައިފި

ޑައުން ސިންޑްރޯމް ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން އަމިއްލަ ބަޔަކު އުފައްދާފައިވާ "ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން" އަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް މައުމޫން އެ އެސޯސިއޭޝަނަށް ޒިޔާރަތް ކުރެއްވީ އެ އެސޯސިއޭޝަނުން އެމަނިކުފާނަށް ދެއްވި ދައުވަތަކާއި ގުޅިގެން ނެވެ. އެ އެސޯސިއޭޝަނަށް ރައީސް މައުމޫން ވަޑައިގެންނެވުމުން އެތަނުގެ މައުލޫމާތު ދެއްވާފައި ވަނީ އެސޯސިއޭޝަންގެ ފައުންޑަރުން ކަމަށްވާ އަހުމަދު އަންސާމް އާއި އާއިޝަތު ނައުރާ އަދި އެސޯސިއޭޝަންގެ ޗެއާޕާސަން އާއިޝަތު ޝިފާ އެވެ.
މި ޒިޔާރަތުގައި އެ ސެންޓަރުން ހިދުމަތް ލިބިގަންނަމުންދާ ކުދިންނާ އެކު ރައީސް މައުމޫން ވަނީ ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ. އަދި އެ އެސޯސިއޭޝަންގެ އިސް ހިންގުންތެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދަވާ ގޮތާއި މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު ވެސް ވަނީ އޮޅުންފިލުވާފައެވެ.
ރައީސް މައުމޫން ވަނީ އެފަދަ ކުދިންތަކެއް ތަރުބިއްޔަތު ކުރުމަށް އެކަށީގެންވާ ވަސީލަތްތައް ނެތި ނަމަވެސް ދިމާވާ ގޮންޖެހުންތަކާ އެކު އެ މަސައްކަތަށް ދެއްވަމުން ގެންދަވާ ވަގުތާއި އެ މަސައްކަތުން މިހާތަނަށް ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޑައުން ސިންޑްރޯމް އެސޯސިއޭޝަނުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް މަރުހަބައާ ޝުކުރުދަންނަވާފައެވެ.
އަދި ހަމައެއާއެކު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީވެސް މުޖުތަމައުގައި ބޭނުންތެރި، ގަދަރު ލިބިގެންވާ ބަޔަކަށް ހެދުމަށްޓަކައި އެ އެސޯސިއޭޝަންގެ ފަރާތުން ކުރަމުން ގެންދަނީ އަގު ނުކުރެވޭ ފަދަ ބުރަ ގައުމީ މަސައްކަތެއް ކަން ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ