ޕީއައިސީގެ މެންބަރު ކަމަށް ‏‏ ރުކްޝާނާ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޕޮލިސް އިންޓިގްރިޓީ ކޮމިޝަން (ޕީއައިސީ) މެންބަރުކަމަށް އާމިނަތު ރުކްޝާނާ އިބްރާހީމް މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރުކްޝާނާ އެ މަޤާމަށް އައްޔަން ކުރެއްވީ ގާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު)ގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ‏‏ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް، އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.ކުރީގެ ރައީސް ވަހީދުގެ ސަރުކާރުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ ރުކްޝާނާގެ ނަން މަޖިލީހުން ފާސްކުރީ އޭނާގެ ނަން އަނބުރާ ގެންދަވަން ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ހުށަހަޅުއްވާފައި ވަނިކޮށެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވީ މަޖިލީހުން ނިންމި ގޮތަށް ރުކްޝާނާ އެ މަޤާމަށް ރައީސް އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި ޤާނޫނީ ލަފާގެ މަތިން ކަމަށެވެ.
ޕޮލިސް އިންޓިގްރިޓީ ކޮމިޝަންގައި 5 މެންބަރުން ތިބެންޖެހޭއިރު ރުކްޝާނާ އެމަޤާމަށް އައްޔަން ކުރުމުން މިހާރު އެ ކޮމިޝަންގައި ތިބޭނީ 4 މެމްބަރުންނެވެ. އެ ކޮމިޝަނުގައި މިހާރު ހުސްވެފައިވާ މަގާމަކީ ޕީއައިސީގެ މެންބަރުގެ މަޤާމުގައި ހުންނެވި ހާލާ އަބްދުﷲ ހަމީދު އިސްތިއުފާދެއްވުމުން ހުސްވި މަޤާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ