ފުރަތަމަ އިހްޔާ ފޯރަމްގައި މިރޭ ތަގްރީރު ކުރައްވާނީ މައުމޫން

ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އިހްޔާ ކުރުމުގެ ފޯރަމްތައް މިރޭ ފަށާއިރު މިރޭގެ ޕްރޮގްރާމްގައި ތަގުރީރު ކުރައްވާނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިސްލާމީ މަރުކަުގެ ޖަލްސާ ކުރާ ހޯލުގައި އޮންނަ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައި ކަމަށާއި މިރޭގެ މައުޟޫއަކީ "އެންމެ އުފާވެރި ދީނަކީ އިސްލާމް ދީން" ކަމަށެވެ.
މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް ރަމަޟާން މަހުގެ ކޮންމެ އާދިއްތަ ދުވަހެއްގެ ރޭއާއި ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އިސްލާމީ މަރުކަޒުގައި އިހްޔާ ކުރުމުގެ ޕްރޮގްރާމްތައް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް ދީނީ ނަސޭހަތް ދިނުމާއި ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެ އެވެ. އަދި ދީނީ ނަސޭހަތް ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ދަންނަ ބޭކަލުންނެވެ.
ކޮންމެ ރެއަކު ވެސް އިހްޔާ ފޯރަމް ނިމުމުން ދީނީ އެކި އެކި މައުޟޫތަކަށް ލިޔެފައި ހުންނަ ފޮތްތައް ހިލޭ ބަހާ އިރު، ކޮންމެ ރެއަކު ވެސް ގުރުއަތުން ހޮވޭ އަންހެން ފަރާތަކަށާއި ފިރިހެން ފަރާތަކަށް ފައިސާގެ އިނާމެއް އަދި ރިޔާޒުއްސާލިހީންނާއި، ފިގުހުއްސުންނާ، ފޮތް ދިނުމަށް ހަމަޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ