މޫސުން ގޯސްވެ ށ. މިލަންދޫ ސުކޫލްގެ ކިޔެވުން މެދުކަނޑަލައިފި

މިއަދު ކުރި ވިއްސާރައިގެ ސަބަބުން ށ މިލަންދޫ ސުކޫލްގެ ބައެއް ކްލާސްރޫމްތަކަށް ގެއްލުން ވުމުގެ ސަބަބުން ކިޔެވުން މެދުކަނޑަލައިފިއެވެ.
މިލަންދޫ ސުކޫލުން ބުނީ މިއަދު ހެނދުނު ޖެހުނު ގަދަ ވަޔާއި ކުރި ވިއްސާރައިގެ ސަބަބުން ސުކޫލްގެ ތިން ކްލާސްރޫމެއްގެ ސީލިންގުގެ ބައިތަކެއް ވެއްޓިފައިވާ ކަމަށެވެ.
ސީލިންގް ވެއްޓުނުއިރު ކްލާހުގައި ކިޔަވަން ދަރިވަރުން ތިބިނަމަވެސް އެއްވެސް ކުއްޖަކަށް ގެއްލުމެއް ނުލިބެއެވެ.
ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ ބައެއް ކުލާސްތަކަށާއި ސައިންސް ލެބޯޓަރީއަށާއި ކޮމްޕިއުޓަރ ލެބަށާއި ލައިބްރަރީއަށް ފެން ވަދެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ހެނދުނު އިންޓަވަލްގެ ފަހުން ސުކޫލްގައި ކިޔަވައިދީފައި ނުވާ ކަމަށެވެ.
މިލަންދޫ ސުކޫލްގެ އައު އިމާރާތް މިދިޔަ އަހަރު އެސްޖޭ ކޮންސްޓްރަކްޝަން އާއި ހަވަލުކޮށްގެން ހެދުމަށް ސަރުކާރުން ވަނީ 57 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
އެ އިމާރާތުގައި 27 ކްލާސްރޫމް ވަނީ ހަދާފައެވެ.
ސުކޫލްގެ އޮފިޝަލް ވިދާޅުވީ އަަލަށްހެދި އިމާރާތުގެ ފެންވަރު ވަރަށް ދަށް ކަމަށެވެ.
މިލަންދޫ ސުކޫލްގައި 583 ދަރިވަރުން ކިޔަވަމުން ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ