ކޮންމެހެން ސަރުކާރު ބަދަލުކުރުމުގެ ވިސްނުމުގައި ނުވަތަ އެ ނިޔަތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ބަދަލުގައި، އެންމެ ރަނގަޅު ކެންޑިޑޭޓަކު އިޚްތިޔާރުކުރުމަށް، އަމިއްލަ ގޮތުން މިއިންތިޚާބުގައި ވާދަކުރައްވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫން ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް، ރިޔާސީ އިންތިޚާބުގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތަށްފަހު، ދަރުބާރުގެއިން ނުކުމެވަޑައިގަތުމަށްފަހު، "ވީނިއުސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ފާރިސް ވިދާޅުވީ، އިންތިޚާބުގައި ވާދުކުރައްވަން ނިންމެވި މައިގަނޑު ސަބަބަކީ ރާއްޖޭގައި ހައްލުކުރަން ހުރި ކަންކަން ވަރަށް ގިނަވެފައި، ގައުމުގެ "ޕޮޓެންޝިއަލް" ވަރަށް ބޮޑު ކަމަށް ގަބޫލުކުރެވޭތީ ކަމަށާއި، ރާއްޖޭގެ އިންސާނީ ވަސީލަތް ހިމެނޭހެން ރާއްޖޭގެ ވަސީލަތްތަކަށް ބަލާއިރު މިގައުމަކީ ވަރަށް ކުރިއަރައިގެން ގެންދެވޭނެ ގައުމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ފާރިސް ވިދާޅުވީ، މިހާތަނަށް ކަންކަން ހިންގާ ގޮތުން، ރާއްޖެއަށް ކުރިއެރުން ލިބޭނެ ކަންކަން ހާސިލުކުރެވިފައި ނެތަތީ، އެކަމަށް "ބަހެއް ބުނުމުގެ ފުރުސަތު ހޯދުމަށްޓަކައި" އަދި މީގެއިތުރުން ސިޔާސީ މަސްރަހު މިހާރު އޮތްގޮތުން، ވަރަށް ގިނަ ރައްޔިތުންގެ ހާއްސަކޮށް ޒުވާނުންގެ އަޑު އުފުލާނެ ވަކި ބަޔަކު ނެތުމަކީވެސް މި އިންތިޚާބުގައި ވާދަކުރައްވަން ނިންމެވި ސަބަބެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ނުކުމެވަޑައިގަތީ ޒުވާން ޖީލެއްގެ އަޑު އިއްވާނެ މީހެއްގެ ގޮތުގައެވެ.
ފާރިސް ވިދާޅުވީ، ރާއްޖެއަށް ވަރަށް ބޮޑެތި ކުރިއެރުންތައް ގެނެވޭނެ ބަޔަކު އެބަތިބި ކަމަށާއި ނެތީ އެބަޔަކަށް އަހައްމިޔަތުކަންދޭނެ ސިޔާސީ ޕްލެޓްފޯމެއް ކަމަށެވެ. ކުރިމަތިލެއްވީ އެ ޕްލެޓްފޯމް ގާއިމުކުރައްވައި އެބައިމީހުންގެ އުންމީދުތައް ހާސިލުކޮށްދެއްވުމުގެ އަޒުމުގައި ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
މީގެއިތުރުން، މިހާރު މިއޮތް ސަރުކާރު ބަދަލުކުރުމަކީ އިދިކޮޅު ގިނަ ކެންޑިޑޭޓުންގެ އެއް މަގުސަދުކަން ފާހަގަކޮށް އެކަމާމެދު ފާރިސް ދެކިލައްވަނީ ކޮން ގޮތަކަށްތޯ "ވީނިއުސް"އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ، އިންތިޚާބުގައި ވޯޓުލާންވީ ކޮންމެހެން ސަރުކާރު ބަދަލުކުރުމުގެ ވިސްނުމުގައި ނޫން ކަމަށާއި މިއީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ރައްޔިތުންގެ ބަސް އިއްވުމަށް ލިބޭ ފުރުސަތެއް ކަަމަށެވެ.
އެހެންކަމުން މިފުރުސަތުގެ ބޭނުންކޮށް، އެންމެ ރަނގަޅު ކެންޑިޑޭޓަކު އިޚްތިޔާރުކުރުމަށް އޭނާވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ފާރިސްއަކީ މިހާރު މިއޮތް ސަރުކާރުގެ ކޯލިޝަން ބައިވެރިއެއް ކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސްއެވެ.
ވޯޓުލާންވީ ކޮންމެހެން ސަރުކާރު ބަދަކުރުމުގެ ވިސްނުމުގައެއް ނޫން: ފާރިސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ