އޭޝިއަން ކަޕް ކޮލިފައިން: ޓިމޯ ލެސްޓޭ އިން ރާއްޖެ ބަލިކޮށްފި އޭޝިއަން ކަޕް ކޮލިފައިން: ޓިމޯ ލެސްޓޭ އިން ރާއްޖެ ބަލިކޮށްފި

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭން ކުޅުނު ދެ ވަނަ މެޗުން 1-0 އިން ޓިމޯ ލެސްޓޭ އަތުން ބަލިވެއްޖެ އެވެ.
މި ނަތީޖާއާއެކު، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި، ރާއްޖޭން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މި ވަނީ ބަލިވެފަ އެވެ. އެއީ، އެކުވެރިކަމުގެ މެޗުތަކުގައި ބަންގްލަދޭޝާއި އިންޑިއާ އަދި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުތަކުގެ އިތުރުން، ކޮލިފައިންގައި ފިލިޕީންސާއި ޓިމޯ ލެސްޓޭ އަތުންނެވެ. ފީފާ ރޭންކިންގެ 197 ވަނައިގައި އޮތް ޓިމޯ ލެސްޓޭ އަށް 164 ވަނައިގައި އޮތް ރާއްޖެ އަތުން މި ލިބުނީ މުހިންމު މޮޅެކެވެ.
އަނެއްކޮޅުން، މިއީ، އެންމެ ފަހުން އިންޓަނޭޝަނަލް ފުޓްބޯޅައިގައި ޓިމޯ ލެސްޓޭ ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން މޮޅުވީ، މިދިޔަ އޮކްޓޫބަރު މަހު ބްރުނާއީ އަތުންނެެވެ.
ކޮލިފައިން ގްރޫޕް އޭގެ ފުރަތަމަ މެޗުގައި، ރާއްޖެ ވަނީ 4-1 އިން ފިލިޕީންސް އަތުން ބަލިވެފަ އެވެ. ޓިމޯ ލެސްޓޭ ވަނީ ތަޖިކިސްތާން އަތުން 1-0 އިން ބަލިވެފަ އެވެ.
އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ރާއްޖެ ޓީމުގެ ކުރިއަށް ކުޅެމުންދިޔަ، އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ނާއިޒު ހަސަން (ދާދު) އަށް ލިބޭ ބޯޅަތަކުގައި، ޓިމޯ ލެސްޓޭ އޭރިއާތެރެއަށް ވަދެވޭތޯ މަސައްކަތްކުރަމުންދިޔަ އެވެ.
މެޗުގައި ފުރަތަމަ ހުސް ފުރުސަތު ލިބުނީ ޓިމޯ ލެސްޓޭ އަށެވެ. އެ ގޮތުން، 21 ވަނަ މިނިޓްގައި، ރާއްޖޭގެ އޭރިއާތެރެއިް ހުސްކޮށް އަރައި، ޓިމޯ ލެސްޓޭގެ ކްލައުޑިއޯ އޮސޯރިއާ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ވަނީ މަތަކޮށްފަ އެވެ.
ރާއްޖެ އަށް ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތު ލިބުނީ 26 ވަނަ މިނިޓްގަ އެވެ. ހަމްޕު ހުސްކޮށްލާފައި ސެންޓޭ އަށް އޭރިއާތެރެއިން ދިން ބޯޅަ ފޮނުވާލުމުން، ޓިމޯ ލެސްޓޭ ކީޕަރު، ޖިއޮޖީނޯ ހޯސޭ ޑަ ސިލްވާ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ރާއްޖޭގެ ވާތުބެކަށް ކުޅެމުން އައި، އައިހަމް އަހުމަދު (އައިހު) ބޮލުން ފަަހަތައް ޖައްސާލި ބޯޅަ އެއް ހޯދައި، ޓިމޯ ލެސްޓޭގެ ސަންޓިއާގޯ ޑަ ކޮސްޓާ ކީޕަރު ހުސެން ކައިރިން ނައްޓާލަން އުޅުނު ވަގުތު ވެއްޓުމުން، ރެފްރީ ވަނީ، ޕެނަލްޓީ ހޯދަން ޑަ ކޮސްޓާ ޑައިވްކުރި ކަމަށް ބަލައި، އޭނާ އަށް ރީނދޫ ކާޑު ދައްކައިފަ އެވެ.
އެއްވަރުވެގެން ފުރަތަމަ ހާފު ނިމޭނެ ކަމަށް ބެލެވިފައިވަނިކޮށް، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި، ޓިމޯ ލެސްޓޭ އިން ލީޑުނެގި އެވެ. މިއީ، ރާއްޖޭގެ އޭރިއާތެރެއިން ޓިމޯ ލެސްޓޭގެ ކެޕްޓަން، ޕައޮލޯ ޑޮމިންގޭސް ފްރެއިޓާސް ނަގައިިދިން ހުރަަހަކަށް ހުސްކޮށް އަރައި، ޖޮއާއޯ ޑަ ސިލްވާ ޖެހި ގޯލެކެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަ މިނިޓް ތެރޭ، އޭރިއާތެރެއިން ޑަ ސިލްވާ ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. އަދި، އޭގެ ދެ މިނިޓް ފަހުން، ދާދު ދިން ބޯޅައަކުން އޭރިއާތެެރޭގައި ހުރި ސެންޓޭ ފޮނުވާލި ޝޮޓް ދިޔައީ މާ މަތިންނެވެ.
އޭގެ ފަހުން، ހަ މިނިޓް ތެރޭގައި، ޓިމޯ ލެސްޓޭ އިން ތިން އެޓޭކެއް ކުރިިއިރު، ރާއްޖޭގެ ކީޕަރު ހުސެއިން ވަނީ ރަނގަޅު ދެ ހަމަލާއެއް ހުއްޓުވައިފަ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ޑިފެންޑަރު، އަހުމަދު ނޫމާން (ހެލްމެޓް) ފައިގައި ޖެހިފައި ގޯލަށް ވަންނަން ދިޔަ ބޯޅައެއް ހިމެނެ އެވެ.
މެޗުގެ 67 ވަނަ މިނިޓްގައި، ޓިމޯ ލެސްޓޭ އޭރިއާތެރެއިން ހަމްޕު ފޮނުވާލި ބޯޅައެއް ބްލޮކްވިއިރު، ހަމްޕު އެ ޝޮޓް، ޓިމޯ ލެސްޓޭ ކުޅުންތެރިން ބްލޮކްކުރީ އަތުން ކަމަށް ބުނެ، ޕެނަލްޓީއެއް ހޯދަން އެޕީލްކޮށްފަ އެެވެ.
ބަދަލަކަށް ކުޅެން އެރި ރާއްޖޭގެ އަހުމަދު ރިޒްވާން (ރިޒޭ) އަށް ކައުންޓަ އެޓޭކުގައި ގޯލަށް ބޯޅަ ފޮނުވާލަން ލިބުނު ފުރުސަތުގައި، ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެެވެ.
ޓިމޯ ލެސްޓޭ އާއި ރާއްޖޭން މިއަދު ކުޅުނު މެޗަކީ، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި، ސީނިއާ ލެވަލްގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. މީގެ ކުރިން، ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމާއި 23 އަހަރުން ދަށުގެ ޓީމު ވަނީ ކުޅެފަ އެވެ.އެ ގޮތުން، 2014 ވަނަ އަހަރު އޭޝިއަން ގޭމްސްގައި، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން ވަނީ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި، 3-2 އިން ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ. އަދި، މިދިޔަ އަހަރު 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި، ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވީ 4-1 އިންނެވެ. ރާއްޖޭން ޓިމޯ ލެސްޓޭއާ ދެކޮޅަށް މީގެ ކުރިން ކުޅުނު ދެ މެޗުގައި، ވެސް ކުޅުނު ކުޅުންތެރިން މި ފަހަރުގެ ސްކޮޑުގައި ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ