މާލެއިން ކަރަންޓު ކެނޑުމާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި

އިއްޔެ މާލެ ސަރަހައްދުން ކުއްލި ގޮތަކަށް ކަރަންޓު ކެނޑި، އެތައް އިރެއް ވަންދެން ޚިދުމަތް ނުލިބި އޮތުމުން އާންމުންނަށް އެތައް ދަތިތަކެއް ކުރިމަތިވެ، ވިޔަފާރިތައް ހުއްޓިފައި އޮތުމުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ އިއްޔެ މެންދުރު 12:35 ހާއިރެވެ. އޭގެފަހުން، ހަ ގަޑިއިރެއްހާއިރު ފަހުން ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވޭ ވަރުވީ، އިރުއޮއްސި 18:30 ހާއިރެވެ. އެ މައްސަލައާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކޮށް، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ވަނީ ޕީއެންސީގެ ސުޕަ މެޖޯރިޓީން ބޭރުކޮށްލައިފައެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ ނުވަ މެންބަރުންނެވެ. ނަމަވެސް 43 މެންބަރުން ވޯޓުދެއްވީ އެ މައްސަލަ ބޭރުކޮށްލުމަށެވެ. އެ ކުއްލި މައްސަލައިގައި ވަނީ ގްރޭޓާ މާލެއިން އެއްކޮށް ކަރަންޓު ކެނޑުނު ހިނދު، ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ދަތިވެ، ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ހޮސްޕިޓަލްތަކުގެ ހިންގުން ހުއްޓުމަކަށް އައި ކަމަށެވެ. އެކަން އެގޮތަށް ވީއިރު ގާނޫނުގައި ކަރަންޓުގެ ޚިދުމަތް، އެ ރަށެއްގައި އުޅޭ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭން އެ ޚިދުމަތްދޭ ތަންތަނަށާއި ސަރުކާރަށް ލާޒިމުކޮށްފައިވާ ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އިއްޔެ މާލެއާއި ހުޅުމާލެއިން މެންދުރު 12:35 ހާއިރު ކަރަންޓު ދިޔުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ދަތިތަކެއް ވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. އެއްފަހަރާ ހުރިހާ ތަނަކުން ކަރަންޓު ކެނޑުމަކީ މީގެ ކުރިން ދުވަހަކުވެސް ހިނގާފައި ނުވާ ކަމެއް. ބޮޑު އާބާދީއެއް އޮތް ތަނެއްގައި އެފަދައިން ކަރަންޓު އެއްކޮށް ކެނޑުމަކީ، ވަރަށް ބޮޑަށް ރައްޔިތުންނަށް ދަތިވާނެ ކަމެއް، ކުއްލި މައްސަލަ އެގޮތަށް ކުއްލިއަކަށް މުޅި މާލެއިން ކަރަންޓު ދިޔުމަކީ ސިއްހީ ޚިދުމަތްދޭ ތަންތަނުން ފަރުވާ ހޯދަމުންދިޔަ މީހުންނަށާއި އެތަނުގައި ބޭނުންކުރާ އާލާތްތަކަށް ގެއްލުންވާނެ ކަމެއް ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އެއީ ފަރުވާ ހޯދާ މީހުންނަށް ނުރައްކާ ކަމެއް ކަމަށާއި، ހޮސްޕިޓަލްތަކުގައި ހުރި އަގުބޮޑެތި މެޑިކަލް އިކުއިޕްމަންޓްތަކަށް ގެއްލުންވެ، ހަލާކުވެދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން އެއާޕޯޓު ހުއްޓުމަކަށް އައި ކަމަށާއި އޭގެ ސަބަބުން އެތައް ފަތުރުވެރިންނެއްގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާކަން ފާހަގަކޮށްފައިވެއެވެ. އެއީ އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް ވެސް އަސަރުކުރާނެ ކަމެއް ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ. https://sun.mv/206769 މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު ސަބަބެއް މިހާތަނަށް ކަށަވަރުވެފައިނުވެއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށް ފަހު ހާމަކުރައްވާނެ ކަމަށާއި އެ މައްސަލަ ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން ސްޓެލްކޯއިން އިއްޔެ ހަވީރު ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައި ވަނީ، އެހާތަނަށް ބެލިބެލުމުން އެ ކުންފުނީގެ ބޮޑު އިކުއިޕްމެންޓަކަށް ގެއްލުންވެފައިވާ ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ. އަދި މުޅި މާލެއަށް އެއްކޮށް ކަރަންޓު ކެނޑެނީ މަދުންކަން ފާހަގަކޮށް، ދެންވެސް އެފަދަ 'ޓޯޓަލް ބްލެކްއައުޓް'އެއް އައުމަކީ ނާދިރު ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ