1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި 7.6 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މިއަދު ހާމަކުރައްވައިފިއެވެ.
ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7،632،214.03 (ހަތް މިލިޔަން ހަ ލައްކަ ތިރީސް ދެ ހާސް ދުއިސައްތަ ސާދަ ރުފިޔާ) ވަނީ ބަލައިގެންފައެވެ. މިއީ ވޭތުވެދިޔަ 4 އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ.
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ ފަރާތްތަކަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ޒަކާތު ހައުސްއިން މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އަދި ރައްޔިތުންނަށް ފަސޭހަކަމާއެކު ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ޒަކާތު ހައުސްއިން ވަނީ ހަމަޖައްސާފައެވެ. މިގޮތުން އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިތުރުން، ޒަކާތު ހައުސްގެ ކައުންޓަރަށް ޒިޔާރަތްކޮށްގެންވެސް ފިޠުރު ޒަކާތް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ރަމަޟާން މަހުގެ މިހާތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި 7.6 މިލިޔަން ރުފިޔާ ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ