ރާއްޖޭގައި މަރުކަޒީ ޖަލެއް ހެދުމަށާއި ކުށްކުރާ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް ގާއިމް ކުރާ 'ހޯޕް އައިލެންޑް' ތަރައްގީ ކުރުމަށް، އެމެރިކާގެ ކުންފުންޏަކާ އެކު އިތުރު ތިން ފުންޏެއް ކުރިމަތިލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.
ތަފްސީލް - ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވިގޮތުގައި ސަރުކާރުން ހިންގަން ރާވާފައިވާ މި ދެ މަޝްރޫއުއަށް ކުރިމަތިލާފައިވަނީ:
ދިވެހި ކުންފުންޏެއް
ޗައިނާ ކުންފުންޏެއް
މެލޭޝިއާ ކުންފުންޏެއް
އެމެރިކާގެ ކުންފުންޏެއް
މީގެ ތެރެއިން އެންމެ ރަނގަޅު ބަޔަކާ، އަންނަ ޖުލައި މަހުގެ ތެރޭގައި މަސައްކަތް ހަވާލު ކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ޖަލުތައް ގާއިމުކޮށްފައި ހުރީ، ކަރެކްޝަން އަދި ރިހެބިލިޓޭޝަނަށް ފުރުސަތު ނުލިބޭ ގޮތަށް ކަމަށާއި އެތަންތަން ހުރީ، ހަމައެކަނި މީހުން ހައްޔަރުކޮށްފައި ބައިތިއްބާ ތަންތަނުގެ ގޮތުގައި ކަމަށެވެ.
އަދި ރާއްޖޭގެ އެކި ރަށްރަށުގައި ޖަލުތައް ހަދައިގެން މެނޭޖްކުރުމަކީ ވެސް ހަރަދު ބޮޑު، އެކި ގޮތްގޮތުން ބެލިކަމުގައި ވިޔަސް، ގޮންޖެހުންތައް ގިނަ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ޖަލެއްގައި މީހެއްގެ މައްޗަށް އެބަ މަހަކު 27 ހާސް ރުފިޔާ ހަރަދުވޭ. އޭގެ އިތުރުން ކޮންމެ ޖަލެއްގައި ސެކިއުރިޓީ ބެލެހެއްޓުމާއި ކާން ދޭނެ ފަރާތްތައް ހޯދުމާއި މޫސުން ގޯސް ދުވަސްވަރެއްގައި އެކި ބޭނުންތަކަށް ގައިދީން އުފުލާ ހެދުމަކީ ވެސް ވަރަށް ބޮޑު ހަރަދެއް ދާ ކަމެއް،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސެންޓްރަލް ޖަލުގެ ސަބަބުން، މިހާރު ކުރާ ހަރަދުގެ %40 ކުޑަކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެއާ ބްރިޖަކުން ގުޅޭ ގޮތަށް، އުތުރު ތިލަފަޅުގައި މަރުކަޒީ ޖަލު އަޅަނީ، އެތަނުގެ އެތެރެއިން ހުރިހާ ހިދުމަތްތަކެއް ލިބޭނެ ގޮތަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި:
ފަރުވާ އާއި ދޭ ހިދުމަތްތައް ބައިނަލްއަގްވާމީ ފެންވަރުގައި އެތަނުގައި ގާއިމް ކުރާނެ
އެ ޖަލު ތަރައްގީ ކުރާނީ ރިހެބިލިޓޭޝަނާއި ކަރެކްޝަންގެ ހިދުމަތް ވެސް އެންމެ ރަނގަޅަށް ދޭ ތަނެއްގެ ގޮތުގައި
މަގްސަދަކީ ޖަލު ހުކުމް ނިންމާފައި ނުކުންނަ މީހާއަކީ މުޖުތަމައުން ބަލައިގަންނަ މީހަކަށް ހެދުން
ސަރުކާރުން 'ހޯޕް އައިލެންޑް' ގާއިމު ކުރަނީ ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ނެރެން ކުރާ މަސައްކަތެއްގެ ގޮތުންނެވެ.
އިހުސާން ވިދާޅުވި ގޮތުގައި:
ހޯޕް އައިލެންޑަށް ގެންދާނީ، މިހާރު ވެސް ކުށްތަކަށް އަރައިގަންނަ އަދި ކުށުގެ މާހައުލަށް ހުށަހެޅޭނެ ފަދަ ގޮތަކަށް ތިބި ކުދިން
ސަރުކާރުގެ މަގްސަދަކީ އެ ކުދިންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތު ދީ ހަރުދަނާ ބަޔަކަށް ހަދައިދިނުން
ސަރުކާރުގެ އަމާޒަކީ 2027 ނިމުމުގެ ކުރިން އެތަން ނިންމައި، ހިދުމަތް ދޭން ފެށުން
މަރުކަޒީ ޖަލު ހެދުމަށް އެމެރިކާ ބަޔަކާ އެކު 4 ކުންފުންޏެއް ކުރިމަތިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ