ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އޮންނަނީ ރިޔާސީ ނިޒާމެއް އޮވެގެން: ގާސިމް

ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ ރިޔާސީ ނިޒާމެއްގައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ކޯލިޝަންގައިވެސް ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ތާއީދު ހޯދުމުގެ މަސައްކަތް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެންކަމަށެވެ. އަދި ރިޔާސީ ނިޒާމުގައި ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަޤާމުތަކެއްކަމަށާއި ނަމަވެސް ބަރުލަމާނީގައި ޤައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބުކުރާ ފަރާތެއް ނޫންކަން ގާސިމްގެ ޓްވީޓްގައި ފާހަގަކުރެއްވިއެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ރައީސް ނަޝީދު ފަށްޓަވައިގެން ކުރިއަށްގެންދިޔަނަމަވެސް އެކަމަށް ރާއްޖޭގެ ސިޔާސީ މައިދާނުން މާބޮޑު ތަރުހީބެއް ނުލިބެއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ބަރުލަމާނީ ނިޒާމަށް ދަނީ ދެކޮޅު ހައްދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ