ނިއުކާސަލް (ޑިސެމްބަރު 18) - އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް)ގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އެ ގޮތުން، އެންމެ ފަހުގެ ޗެމްޕިއަން، ނިއުކާސަލް އިން ވަނީ 2-1 އިން ފުލަމް އަތުން މޮޅުވެފަ އެވެ. އަދި، ސިޓީން ވަނީ ބްރެންޓްފޯޑްގެ މައްޗަށް 2-0 އިން ކުރިހޯދައިފަ އެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކުޅޭނީ މި ދެ ޓީމެވެ. އަނެއް ސެމީ ފައިނަލުގައި ކުޅޭނީ، ޗެލްސީ އާއި ކުއާޓާ ފައިނަލުގެ ފަހު މެޗުން، ކްރިސްޓަލް ޕެލަސް އާއި އާސެނަލް ބައްދަލުކޮށްގެން މޮޅުވާ ޓީމެކެވެ.
ނިއުކާސަލް އިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި ލީޑުނެގީ ޔޮއާން ވިއްސާ ޖެހި ގޯލުންނެވެ. އެކަމަކު، އެ ޓީމަށް ލީޑުގައި އޮވެވުނީ ހަ މިނިޓެވެ. ފުލަމް އިން ވަނީ 16 ވަނަ މިނިޓްގައި އެއްވަރުކޮށްފަ އެވެ. މިއީ، އެންޓޮނީ ރޮބިންސަން ނަގައިދިން ހުރަހަކުން ސާސާ ލުކިޗް ބޮލުން ޖެހި ގޯލެކެވެ.
މެޗު އެއްވަރުވެގެން ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، ނިއުކާސަލް މޮޅުވި ގޯލު ޖެހީ، ލެވިސް މައިލީ އެވެ. އެ ގޮތުން، އިތުރު ވަގުތުގެ ދެ ވަަނަ މިނިޓްގައި، ސަންޑްރޯ ޓޮނާލީ ނެގި ކޯނަރަކަށް އަރައި، 19 އަހަރުގެ މައިލީ ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.
ސިޓީން ބްރެންޓްފޯޑްގެ މައްޗަށް ކުރިހޯދީ ކޮންމެ ހާފެއްގައި ގޯލެއް ޖަހައިގެންނެވެ. އެ ގޮތުން، އެ ޓީމުން ލީޑުނެގީ، 32 ވަނަ މިނިޓްގައި ރަޔާން ޗާކީ ޖެހި ގޯލުންނެވެ. އަދި، މެޗުގެ 67 ވަނަ މިނިޓްގައި، ސިޓީން ދެ ވަނަ ލަނޑު ޖެހީ ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސަވީނިއޯ އެވެ. ސަވީނިއޯ، މި ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ ޓިޖާނީ ރައިންޑާސް އެވެ.
ސިޓީ އާއި ނިއުކާސަލް ލީގު ކަޕް ސެމީ އަށް ސިޓީ އާއި ނިއުކާސަލް ލީގު ކަޕް ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ