ޖަމިއްޔާތަކުގެ މަހާސިންތާއަށް ފަންނީ އެހީދޭން މަޝްވަރާކޮށްފި

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "މަދަނީ ޖަމިޢިއްޔާތަކުގެ މަހާސިންތާ" އަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން އޮތީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހި ބަހާއިސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އިތުރުން ވުޒާރާގެ ސްޓޭޓް މިނިސްޓަރުންނާއި ވަޒީރުގެ ނާއިބުންނެވެ.
ޒުވާނުންގެ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖަމްޢިއްޔާތަކުގެ ރެޖިސްޓްރާ ޢަލީ ޝަކީލެވެ. އޭނާ ޙިއްސާ ކުރެއްވި ގޮތުގައި، މި މަހާސިންތާއަކީ މަދަނީ ޖަމްޢިއްޔާތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ،ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް ޖަމްޢިއްޔާތަކަށް ފަހި ވެށްޓެއް ޤާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ޤައުމީ ތަރައްޤީއަށް ވާސިލުވުމަށް ވަކި ވަކިރަށްރަށާއި، އަތޮޅު ފެންވަރުގައި ހުރި އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށްކުރެވޭ މަސައްކަތްތަކުގައި އަމިއްލަ ޖަމްޢިއްޔާތަކުން އަދާކުރާ ދައުރާ ގުޅޭ ގޮތުންހޭލުންތެރިކަން އިތުރުކޮށް، ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުމުގެ ގޮތުން ރޭވިގެން ކުރިއަށް ގެންދާ މަހާސިންތާއެކެވެ.
މި މަސައްކަތުގެ ތެރޭގައި ޖަމްޢިއްޔާތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް ލިބޭކަން ވަނީ ފާހަގަކުރައްވާފައެވެ.
މި މަހާސިންތާގެ ފުރަތަމަ ބުރު ގއ. އަތޮޅުގައި ކުރިއަށް ގެންދަން ނިންމަވާއިރު އަންނަ މަހުގެ 20 އިން 22 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަހާސިންތާއަށް މި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް ވަނީ ދަޢުވަތު އަރުވާފައެވެ. މި ދަޢުވަތު އެ ވުޒާރާއިން ވަނީ ގަބޫލު ކުރައްވާފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ