ކުޅުދުއްފުށީ ކަރަންޓް މައްސަލަ: ފިޔަވަޅު އަޅަން ޖެހޭ މުވައްޒަފުންނަށް ފިޔަވަޅު އަޅާނަން: ފެނަކަ

ކުޅުދުއްފުށީ އިންޖީނުގޭގައި އިއްޔެ އާއި މިއަދު ހިންގި ހާދިސާތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ކަރަންޓް މެދުކެނޑޭތާ ދެ މަހަށްވާން އުޅެނިކޮށް އިއްޔެ އާ އިންޖީނެއް ބަހައްޓާ މައްސަލަ ހައްލުކުރިނަމަވެސް މެންދުރުގެ ވަގުތުގައި އިންޖީނުގޭގެ ކޭބަލެއްގައި ރޯވެ ކަރަންޓް ކެނޑުނެވެ. އަދި މިއަދު ހެނދުނު 9:30 ހާއިރު ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓްގެ ހިދުމަތް މެދުކެނޑުނެވެ.
މިއަދު 18:00 ހާއިރު އެ މައްސަލަ ހައްލުވާނެކަމަށް ފެނަކައިން ލަފާކުރެ އެވެ. ފެނަކައިގެ އިސް އޮފިޝަލަކު ކޭއޯއާ ވާހަކަދައްކަވަމުން ވިދާޅުވީ، މިހާތަނަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ދިމާވީ ކަނެކްޝަން ހެދުމުގެ ތެރޭގައި ކަމަށެވެ.
އޭނާ ވިދާޅުވީ، ފެނަކައިގެ ޒޯން މެނޭޖަރާއި ސްޓެލްކޯގެ ޓެކްނިކަލް ޓީމެއް ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ކަމަށެވެ.
މި މައްސަލަތަކުގައި މުވައްޒަފުންގެ އިހުމާލެއްވޭތޯ ފެނަކަ އާއި ފުލުހުން ގުޅިގެން ތަހްގީގުކުރަމުންދާ ކަމަށާއި ތަހްގީގުކޮށް ނިމުމުން މުވައްޒަފުންގެ މައްސަލައެއް އުޅޭނަމަ ޖިނާއީ ތަހްގީގުވެސް ކުރާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން މަސްއޫލިއްޔަތުތަކުން އެކަހެރިކުރަންޖެހޭ މުވައްޒަފަކު ވާނަމަ އެކަންވެސް ކުރާނެ ކަމަށާއި އަދި ވަކިކުރަން ޖެހޭ މުވައްޒަފަކު ވާނަމަ އެކަންވެސް ކުރާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި މައްސަލަތަކާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި ބްރާންޗުގެ ހިންގުމަށްވެސް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.
ކުޅުދުއްފުށީ އިންޖީނުގޭގައި އިއްޔެ އާއި މިއަދު ހިންގި ހާދިސާތަކުގެ ފަހަތުގައި މުވައްޒަފުންގެ އިހްމާލުވާކަމުގެ އަޑުތައް އަންނަނީ ފެތުރެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ