އިސްލާމިކް ސަމިޓް މުއިއްޒަށް މުހިންމެއްނޫން!

އިސްލާމިކް ސަމިޓު އަކީ ކޮންމެ 3 އަހަރަކުން އެއް އަހަރު ބޭއްވޭ ސަމިޓެކެވެ. މިއަހަރު ގެންބިޔާގައި މިބޭއްވެނީ 15 ވަނަ ސަމިޓެވެ. ސަމިޓް ބާއްވަނީ އިސްލާމީ އުއްމަތަށް ކުރިމަތިވާ ކަންކަމާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިން މަޝްވަރާކޮށް ސިޔާސަތުތައް ކަނޑައެޅުމަށެވެ. އިރުޝާދު ދިނުމަށެވެ. ސަމިޓަކީ އިސްލާމީ ގައުމުތަކުގެ ވެރިންގެ ސަމިޓެވެ. 
އިސްލާމިކް ސަމިޓްގައި ބައިވެރިވުމަކީ އިސްލާމީ ގައުމުތަކުގެ ވެރިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް ގައުމުތަކުގެ ވެރިން ސަމިޓްގައި ބައިވެރި ނުވެއެއް ނުދާނެއެވެ. ގައުމުގެ އެންމެ އިސްވެރިއާއަށް ބައިވެރިވެވެން ނެތިއްޔާ ސަމިޓަށް ފޮނުވާނީ ޖެހިގެން ހުންނަ އެންމެ އިސްވެރިއެކެވެ.
އާއްމުކޮށް ވެރިންގެ ސަމިޓްތަކަށް ވަޒީރަކު ނުވަތަ އެފެންވަރުގެ މީހަކު ފޮނުވާނީ އިހުތިޖާޖެއްގެ ގޮތުގައެވެ. ސަމިޓްގެތެރެއިން އެކަށިގެންވާ ނަތީޖާއެއް ނުނެރެވޭނެ ކަން ދެއްކުމުގެ ގޮތުންނެވެ. ސަމިޓަކީ މާބޮޑު އިސްކަމެއްދޭ ކަމެއް ނޫންކަން އަންގާ ދިނުމުގެ ގޮތުންނެވެ.
15ވަނަ އިސްލާމިކް ސަމިޓަކީ ރާއްޖެއަށް މާމުހިންމު ސަމިޓަކަށް ނުވެއެވެ. ރާއްޖެއަށް ސަމިޓަކީ މުހިންމު ސަމިޓެއްނަމަ ރާއްޖެ ތަމްސީލުކުރާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އިސްލަމިކް ސަމިޓްގެ މުހިންމުކަން ރާއްޖެއަށް ނެތްވަރު ރަމްޒުކޮށްދެނީ އެ ސަމިޓުގައި ރާއްޖެ ތަމްސީލުކުރަން ވަޒީރަކު ފޮނުވި ފޮނުވުމެވެ. ފޮނުވިއިރު ފޮނުވީވެސް ބައި ވަޒީރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންވެސް ލިބިފައިނުވާ ވަޒީރެކެވެ. 
އިސްލާމީ ދުނިޔޭގެ ކަންކަމާމެދު ދިވެހި ސަރުކާރުން ސީރިއަސްކޮށް ވިސްނާނަމަ ބައިނަލް އަގުވާމީ އެވަރުގެ އެއްވުމަކަށް ފޮނުވާނީ އިސްލާމިކް މިނިސްޓަރެއް ނޫނެވެ. އިސްލާމިކް މިނިސްޓަރ ހިމެނެްވާނީ ސަމިޓްގައި ރާއްޖެ ތަމްސީލު ކުރަން ރައީސް ނުވަތަ ނައިބުރައީސް ރިޔާސަތު ބަލަހައްޓާ ދިވެހި ވަފުދުގެ އެކެއްގެ ގޮތުގައެވެ. އިސްލާމީ ސަމިޓަށް ރާއްޖެ ތަމްސީލު ކުރަން ވަޒިރުން ފެންވަރުގެ ވަފުދެއް ދިއުމަކީ ބަލައިގަނެވެނެ ކަމެއް ނޫނެވެ. 
އަމްދުން ރައީސް މުއިއްޒު ވެރިކަމަށް އެރީ އިސްލާމް ދީން ކުރިއަރުވާ ދީނީ ރައީސެއްގެ ތާކިހަލުގައެވެ. ޝޭހަކަށް އުފަންވެ ޖަނާބު ޝޭހުގެ ދަނބި ދަރިވުމުގެ ސަބަބުން ސަޖިދަ ވިއްކައިގެން ލިބުނު ވެރިކަމުގައި އެންމެ ފުރަތަމަ ބައިވެރިވުމަށް ލިބުނު އިސްލާމިކް ސަމިޓް މުއިއްޒު ދޫކޮށްލި ދޫކޮށްލުމުން އިސްލާމީ ދުނިޔެއާއި މެދު މުއިއްޒު ދެކެގޮތް ސާފެވެ. މާއްދީ ދަހިވެތި ކަމުގައި ބޮޑު ވަފްދު ހަދައިގެން ސީނު ކަރަޔަށް ދިޔުން އިސްލާމިކް ސަމިޓަށް ދިޔުމަށްވުރެ މުއިއްޒަށް މުހިންމުވިއެވެ. 
ފަލަސްތީނު މިނިވަން ކުރުމުގެ ތެދުވެރި ނިޔަތް އޮތްނަމަ އިސްލާމިކް ސަމިޓްގައި އެންމެ ބާރަށް އިއްވީހީ މުއިއްޒުގެ އަޑެވެ. އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނުކެރުނު، އިޒްރޭލުގެ މަސްލަހަތުހުރި ވިޔާފާރިތައް ނުހުއްޓުވު މުއިއްޒަކަށް ފަލަސްތީނު މިނިވަން ކުރުމުގެ ވާހަކަ ދައްކަން ދާކަށް ނުކެރޭނެއެވެ.
ވީޓޯ ކުރުމަށް އެމެރިކާއަށް އޮންނަ ބާރު ކަނޑުވާލަން އދ އާއި އިސްލާމިކް ސަމިޓްގައި ދިވެހިންގެ ނަމުގައި އަޑު އުފުލަނީއެވެ. އަނެއްކޮޅުން ވީޓޯގެ ބާރު ބޭނުން ކޮށްގެން ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަން އިޒްރޭލަށް އެމެރިކާ ވާގިދެނީއެވެ.
އެމެރިކާގެ އަސްކަރީ ބާރުން ބާރު ލިބިގެން ގައްޒާގައި އިޒްރޭލުން ފަލަސްޓިނުގެ ނަސްލު ނައްތާލަމުން ދަނިކޮށް، ވީޓޯކުރުމަށް އެމެރިކާއަށް އޮންނަ ބާރު ކަނޑުވާލަން އިސްލާމީ ސަމިޓްގައި ގޮވަމުން އެމެރިކާ ސިފައިން ގެނެސްގެން ދިވެހި އަސްކަރިއްގާއި އެމެރިކާގެ އަސްކަރީން ލައްވާ "ބްލެކް މާލިން" ތަމްރީނު ފެށީއެވެ. ދެފުށް ދެގޮތްވެވޭނީ މިހާކަށް ވަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ