ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 24

"ނުލަފާ އަންހެނެއް.. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލާފަ.. އަހަރެންގެ ދަރިފުޅު ފޭރިގަނެގެން.. މާތް ﷲގެ ވާގިފުޅާ ލައިގެން... ޝަރާ، ކަލޭގެ ދިރިއުޅުން އެއްކޮށް ހަލާކު ވާނެ..
- އެޕިސޯޑް 24 – ޒީމާގެ އަނެއް ފަރާތުގައި ނިދާފައި އޮތް ޔޫސުފަށް ބަލައިލަމުން ޒީމާ އެނދުން ތެދުވިއެވެ. ރުޅިވެރި ކަމާއި ފޫހިކަމާއި މޮޅިވެރިކަން އެއް ވެފައިވާ އެތައް އިޙްސާސެއް ޒީމާއަށް ވަމުން ދިޔައެވެ. އޭނާގެ ދަރިފުޅުގެ ހުރިހާ ކޮންޓްރޯލެއް އޭނާގެ އަތުން ބީވެގެން ދާތަން ބަލަން ޒީމާއަށް އެއްވެސް ވަރަކަށް ހަޖަމެއް ނުވެއެވެ. ޒީމާގެ ހިތުގެ ތެރޭގައި ޝަރާއަށް އުފެދިފައިވާ ނަފްރަތަކީ ދުވަހަކު ވެސް ފިލައިގެން ދާނެ ކަމެއް ނޫން ކަން ޚުދު ޒީމާއަށް ވެސް ޤަބޫލު ކުރެވުނެވެ. އެއީ އޭނާގެ ހިތުން ޝަރާއަށް ތާއަބުމެ ރޯވަމުންދާ ހޫނު އަލިފާންގަނޑު، އެއްވެސް ވަރަކަށް ކޮންޓްރޯލް ނުވާކަން އޭނާއަށް ވެސް އެނގޭތީއެވެ. ޒީމާ މަޑުމަޑުން ގޮސް ކޮޓަރިން ނުކުތެވެ. އަދި ސިޓިންގރޫމްގައި ހުރި ސޯފާގައި ޖައްސާލަމުން ގަޑި ބަލާލިއެވެ. ގަޑިން 5:30 ވަނީއެވެ. މޯޅިއަކަށް ދެމިލަމުން ރުޅިވެރި ގޮތަކަށް ޒީމާ ކަޅި ހިންގާލީ ޝަރާ އާއި އަޔާޒް އޮތް ކޮޓަރިއާ ދިމާލަށެވެ. އަދި ބޭއިޚްތިޔާރުގައި ޒީމާއަށް ދަތްކުނޑި ވިކާލެވުނެވެ. "ނުލަފާ އަންހެނެއް.. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލާފަ.. އަހަރެންގެ ދަރިފުޅު ފޭރިގަނެގެން.. މާތް ﷲގެ ވާގިފުޅާ ލައިގެން... ޝަރާ، ކަލޭގެ ދިރިއުޅުން އެއްކޮށް ހަލާކު ވާނެ.. ކަލޭ އިރާދަކުރެއްވިއްޔާ ނިމިގެން ދާނީ ވަރަށް ވޭނީ ޙާލެއްގައި.." އައި ރުޅީގައި އަމިއްލަ ނަފުސާ ޒީމާ ވާހަކަދައްކަމުން ޝަރާއަށް ބަދު ދުޢާ ކުރަމުން ގެންދިޔައެވެ. "އަހަރެން އާދޭސް ކުރިން.. ރޮއިފަ ސަލާން ޖެހިން.. އަހަރެންގެ އަޔާޒް ދޫކޮށް ދިޔުމަށް އެދި.. އެކަމު އެ ނުލަފާ އަންހެނާއަށް އަހަރެންގެ ފުރާނައަށް ވުރެށް މުހިންމުވީ އޭނާގެ އަމިއްލަ އެދުމަށް އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކު ކޮށްލަން.. ހުރޭ! ކުޅި ދައްކާލާނަން.." ޒީމާ މަޑުމަޑުން އެހެން ބުނެ، އޭނާގެ ދެއަތް ދެއަތަށް ކާއްތާލަމުން ކޮޅަށް ތެދުވިއެވެ. "ކަލޭތަ؟" ޒީމާ ދިޔައީ ސިއްސައިގެންނެވެ. ކޮޓަރީގެ ދޮރު މަތީގައި ހުރީ ޝަރާއެވެ. ޝަރާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. ޒީމާ އަމިއްލައަށް ހުރެ ދެއްކި ހުރިހާ ވާހަކައެެއް ޝަރާއަށް އިވިއްޖެއެވެ. "އާދެބަލަ!" ޝަރާއަށް ބަލައިލަމުން ވަރަށް މަޑުމަޑުން ޒީމާ ބުނެލިއެވެ. "ކަލޭ... ކަލޭ މާ ޑްރާމާ ކުޅެން ނޫޅެއްޗޭ! މާ ދެރަވާ ކަމު ހަދައިގެން.. މިތާގަ ދެރަ ވާން ޖެހޭނީ އަހަރެން.. އަހަރެން މި އުޅެނީ ލޮލަށް ނިދި ނައިސްގެން.. ކަލޭގެ ސަބަބުން.." ދެ ދަތްފިލަ ޖައްސާ ބާރުކޮށްގެން ހުރެ ޝަރާގެ ކަންފަތާ ކައިރި ވެލަމުން ޒީމާ ބުނެލިއެވެ. "މަން.. މާ.. އަހަރެންނާ ދޭތެރޭ ތިހާ ބޮޑަށް ހިތްބުރަ ނުކުރޭ! ބަދު ދުޢާ ނުކުރޭ!" ޝަރާގެ އަޑުގައި ވަނީ އިންތިހާއަށް ހިތްދަތި ކަމެވެ. "މަންމާއޭ؟ ކަލޭ އަމާ ވީ މަރުވެފަ.. އަހަރެން ގާތަށް ރުޅި ނާރުވާ ހުރޭ!" ޒީމާ ރަހުމްކުޑަ ގޮތަކަށް ބުނެލިއެވެ. ޝަރާއަކަށް ކެތެއް ނުވިއެވެ. ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. "ބަދު ދުޢާ ވެސް ކުރާނަން.. ކަލޭގެ ސަބަބުން އަހަރެން މުޅި ދިރިއުޅުން ހަލާކު ވެއްޖެ." ޒީމާ ވަރަށް ރުޅި އައިސްގެން ހުރެ ޝަރާއާ މުހާތަބު ކުރަމުން ޒުވާބު ކުރަމުން ގެންދިޔައެވެ. ނަމަވެސް އަޑު ވަރަށް މަޑުންނެވެ. "ޝަރާ..." ކޮޓަރި ތެރެއިން އަޔާޒް ޝަރާއަށް ގޮވައިލި އަޑަށް ޝަރާއަށް ބަލައިލެވުނީ ކޮޓަރިއާ ދިމާލަށެވެ. ވަރަށް އަވަސްކޮށް ލޮލުން ކަރުނަތައް ފޮހެލަމުން ޝަރާ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. "އޭ..." ޝަރާއަށް ހުއްޓުނީ ޒީމާ އޭނާގެ އަތުގައި ހިފައިލުމުންނެވެ. "ޝޫޝް!" ޒީމާ އިޝާރާތް ކޮށްލީ މަޑުން ހުންނާށެވެ. އޭނާގެ އެއްވެސް ވާހަކައެއް ކިޔާ ނުދޭށެވެ. އެޔަށްފަހު ޝަރާގެ އަތުން ޒީމާގެ އަތް ދޫކޮށްލިއެވެ. ޒީމާއަށް ބަލައިލުމަށްފަހު، ޝަރާ ވަނީ ކޮޓަރިއަށެވެ. ފެށިގެން ދިޔަ އައު ދުވަހާ އެކުގައި، އައިމިނަތު އޭނާގެ ރަށަށް އެނބުރި ދިޔައެވެ. ފުރުމުގެ ކުރިން އައިމިނަތު ވަނީ ޒީމާއާ ވެސް ބައްދަލުކޮށްފައެވެ. އެ މަޖިލީހުގައި އެންމެން ތިބުމުން ޒީމާގެ ފެނިގެން ދިޔައީ އޭނާގެ "ހެޔޮ" ފަރާތެވެ. ވަރަށް ހިތްހެޔޮ ކަމާއި އެކުގައި ޒީމާ ވާހަކަދައްކާ ހެދިއެވެ. ބައެއް ފަހަރު މާ ބޮޑަށް ރަނގަޅުހެން ވެސް ހީވާ ކަހަލައެވެ. އައިމިނަތު އަށް ވެސް ޒީމާގެ ޙަޤީޤަތް ނޭނގޭތީ ނިކަން ފަޚްރުވެރި ވެގެން ތިއްބެެވެ. ޒީމާގެ ފަރާތުން ފެންނަ ހެޔޮ ބަދަލުތަކުގެ ސަބަބުން އަޔާޒް ވެސް ހުންނަނީ ވަރަށް އުފަލުންނެވެ. ޔޫސުފް ވެސް ހަމަ އެފަދައެވެ. އެ އެންމެންގެ އުފާތައް ނިމުމަކަށް ގެންނަން ޝަރާ އެއްވެސް ޙާލެއްގައި ބޭނުމެއް ނުވެއެވެ. އެކަމަށް ކެތްކޮށްގެން އުޅެވޭތޯ މަސައްކަތް ކުރާނީ ކަމުގައި ޝަރާ ނިންމިއެވެ.ރޭގަނޑުގެ އަނދިރިކަމަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. ޝަރާ ހުރީ ބަދިގޭގައި އެއްޗެއް ތައްޔާރުކޮށްލުމުގައެވެ. އެވަގުތު ގޭގައި ޔޫސުފް އާއި އަޔާޒެއް ނެތެވެ. އެދެބަފައިން ވީ ވިޔަފަރީގެ ކަމެއްގައެވެ. އެމީހުން އަންނަން ވާ އިރަށް ޕާސްތާ ހަދާ ނިންމާލެވޭތޯ ޝަރާ މަސައްކަތް ކުރަމުން ދިޔައެވެ. "ދަރިފުޅާ.." ޝަރާއަށް ސިހުން ގެނުވީ ޒީމާގެ އަޑަށެވެ. ޝަރާގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ހަމައެކަނި ޝަރާ ހުރި ތަނެއްގައި ދަރިފުޅާ އޭ ކިޔާ ގޮވާލުމުންނެވެ. ޝަރާއަށް ބަލަހައްޓައިގެން ހުރެވުނީ ޒީމާގެ ސީދާ މޫނަށެވެ. އޭނާގެ ދެއަތް ވަނީ ފަހަތަށް ލާފައެވެ. ފަހަތަށް އެއްޗެއް ލައި ފޮރުވައިގެން ހުރި ފަދަ ގޮތަކަށް މަޑުމަޑުން ޒީމާ ކުރިއަށް ހިނގަން ފެށިއެވެ. "ދަރިފުޅާ! އެއްޗެއް ނުބުނާނަންތަ؟ މަންމަ މި ވަރަށް ގޮވާއިރު.." ޒީމާގެ ފަރާތުން ޝަރާއަށް ލިބުނީ ރަނގަޅު އިޝާރާތެއް ނޫންކަން ޝަރާއަށް އިޙްސާސް ކުރެވެން ފެށީ، ޒީމާގެ ތުންފަތުން ފެންނަން ފެށި ވިހަ ހިނިތުން ވުމުގެ ސަބަބުންނެވެ. (ނުނިމޭ)
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ