ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވުޒާރާއިން 4000 ހައުސިންގ ޔުނިޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތް މިހާރު ރިވިއުކުރަމުންދާ ކަމަށާއި، ވީހާވެސް އަވަހަކަށް މި 4000 ހައުސިންގ ޔުނިޓު އޭގެ ވެރިފަރާތްތަކަށް ދޫކުރުމަކީ ސަރުކާރުގެ އުއްމީދު ކަމުގައި ވިދާޅުވިއެވެ. "އަލަށް އަޅުގަނޑު ގެނައި ބަދަލުގެ ތެރެއިން ހައުސިންގ މިނިސްޓްރީގެ މަސައްކަތް މިވަނީ މިނިސްޓަރ މުއްޠަލިބްގެ މެންޑޭޓްގެ ތެރެއަށް ލެވިފައި. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެދިޔަ މަސައްކަތްތައްވެސް ރިވިއުކޮށް ވީހާވެސް އަވަހަކަށް އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް އެކަންކުރުމުގެ މަސައްކަތް މިހާރު އޮތީ ފަށާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓު ޙައްޤުގޮތުގައި ލިބިފައިވާ އެއްވެސް ފަރާތެއްގެ އަތުން ގޯއްޗާއި ފްލެޓު އަތުނުލައްވާނެކަމަށް ރައީސް މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ކުރީގެ ސަރުކާރުގެ ދައުރު ނިމުމާ ކައިރިވެފައިވަނިކޮށް ފްލެޓް ލިބޭ މީހުންގެ ލިސްޓެއް އާންމުކޮށްފައިވެއެވެ. ނަމަވެސް، އެ ލިސްޓާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ އުފުލުމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެ ޕްރޮސެސް ހުއްޓުވާފައެވެ.
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަމަހުގެ ކުރިން އިޢުލާން ކުރެވޭނެކަމަށް ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ