ބޯޓުން ގެއްލުނު މީހާ ހޯދުން ހުއްޓައެއް ނުލާ

މިދިޔަ ހަފުތާގެ ތެރޭގައި އައްޑޫން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ބޯޓުން ގެއްލުނު މީހާ ހޯދުން ހުއްޓާނުލާ ކަމަށާއި އެގޮތަށް ބުނެވުނީ އޮޅުމަކުން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެތަނުން ބުނީ "ސީމެކްސް" ބޯޓުން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ގެއްލުނު ނޭޕާލްގެ ރާޖްކުމާރު، 35، ހޯދަން ފެށި އޮޕަރޭޝަން ހުއްޓާލި ކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށެވެ.
އެެހެންވެ އެކަމަށް މައާފަށް އެދި އެމްއެންޑީފުން ބުނީ އެ މީހާ ހޯދުން ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށާއި އެ މީހާ ހޯދަން ބޯޓް ދަތުރުކުރި ސަރަހައްދުގައި ދަތުރުކުރާ ބޭރުގެ އުޅަނދުތަކާ ކޯޑިނޭޓް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ބުނެފައިވާ އެ މޫހާ ހޯދުމުގެ މަސައްކަތުގައި މި މަހުގެ 17 އަދި 18 ވަނަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފަ އެވެ. އަދި ބުރާސްފަތި ދުވަހު، ފުވައްމުލައް ވަށައިގެން ވެސް ބަލާފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނެފައި ވަނީ "ސީމެކްސް" ގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހާ ބޯޓުގައި ނެތްކަން އެނގިފައި ވަނީ ފުވައްމުލަކާ 8 މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށެވެ. އަދި އެ މީހާ ގެއްލުނު ރޭގެ 01:15 ހާއިރު ބޯޓުގެ ކެޕްޓަނާ އޭނަ ވާހަކަ ދެއްކި ކަމަށް ވެސް ފުލުހުން ބޯޓާ ހަވާލާދީ ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ