ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް އަމީން ހަތަރު އަހަރަށް އަރުވާލަން މިދިޔަ އަހަރު ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ޑރ. އަފްރާޝީމް އަލީގެ ކޮއްކޮ އަމީން ހަތަރު އަހަރަށް އަރުވާލަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ 2004 އިން ފެށިގެން 2006 އާ ހަމައަށް އުނގޫފާރު އޮފީހުގައި އޭނާ މަސައްކަތް ކުރިއިރު އެރަށު ރައްޔިތުންގެ އިންޖީނުގެއިން އެރަށު އޮފީހަށް ދެއްކި ފައިސާގެ 36،000 އަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ. އެ މައްސަލައިގައި އޭނާ އަރުވާލުމުގެ އިތުރުން އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި އަންގާފައިވެ އެވެ.
އެ މައްސަލަ އަމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރި ކަން ކަށަވަރުވި ނަމަވެސް ބާތިލްކުރީ ކޮން ސަބަބަކާ ހެދި ކަމެއް ސާފެއް ނުވެއެވެ.
އެ މައްސަލައިގައި އަމީންގެ މައްޗަށް ކުރި ހުކުމަކީ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ވަރުގެ ހުކުމެއް ނަމަވެސް އެ ހުކުމް އައީ އޭނާ މެމްބަރުކަން ކުރި 17 ވަނަ މަޖިލީހުގެ ދައުރު ހަމަވި ފަހުންނެވެ. އޭގެފަހުން މަޖިލީހުގެ މެމްބަރުކަމަށް އަމީން ވާދައެއް ނުކުރައްވަ އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރުކަމަށް އަމީން އިންތިޚާބުވީ އެ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި އޭނާގެ ބޭބެ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުން ބޭއްވި ބައި އިލެކްޝަންގައި ވާދަކޮށްގެނެވެ.
ޚިޔާނާތުގެ މައްސަލައެއްގައި އަމީންގެ ބޭބެ އަދި އުނގޫފާރު ކައުންސިލްގެ ކުރީގެ ރައީސް އަބްދުއްނާސިރު އަލީ 11 އަހަރަށް އަރުވާލަން ވެސް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް ވެސް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަމީން އަރުވާލަން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ