އެހެން މީހުންގެ އަގު ވަޒަންނުކޮށް ތިމާގެ މޮޅުކަންފެނި ބާރުގަދަކަން ދައްކައިގެން އުޅުމަކީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ އެއްކަންތައް!

މީސްތަކުންނޭވެ! ޢާއިލާގައި ނަމަވެސް އަދި މުއައްސަސާއެއް ހިންގުމުގައި ނަމަވެސް އަދި ވެރިކަމުގެ ގޮތުން ނަމަވެސް އާރާއި ބާރު ދެއްވަވަނީ ހަމަ އެކަނި ﷲ ތަޢާލާއެވެ. ވީމާ ކިބުރުވެރިވެ ބޮޑާ ނުވާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް މަސްއޫލިއްޔަތު އަދާކުރާށެވެ! އެއީ އެހެން މީހުންގެ އަގު ވަޒަންކޮށްގެން ކޮންމެ ކަމެއްވެސް ކުރުމެވެ.  
އެހެން މީހުންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! ނޫން ނަމަ ޤިޔާމަތް ދުވަހު ލިބިދާނެ ނިކަމެތިކަން ހިތް މައްޗަށް ގެނެސް ބިރުވެތިވާށެވެ! ތިމާއަށް ލިބޭ ކޮންމެ ބާރެއްގެ ނަމަވެސް ބޭނުން އެންމެ ހެޔޮގޮތުގައި ހިފާށެވެ! އެރުން ކުރާކަންކަން ވެގެންދާނީ އަޅުކަމަކަށެވެ. އެހެނީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ގޮތަށް ކުރާ ކޮންމެ ކަމަކީ އަޅުކަމެކެވެ. ވީމާ ޢާއިލީ ޒިންމާ ނެގުމާއި އޮފީހުގައި ކުރާ މަސައްކަތަކީވެސް އަޅުކަން ކަމުގައި ހަދަން މަސައްކަތްކުރާށެވެ!  
ބައެއް މީހުން ކަންކަން ކުރާނީ އެމީހަކު އެފަހަރަކު ހިތަށް އެރިހައި ގޮތަށެވެ. ދުލުން ބޭރުކުރާނީ އެފަހަރަކު ބުނެލަން ހިތަށް އެރި އެއްޗެކެވެ. އެހެން މީހަކަށް ކޮށްފާނެ އަސަރާއިމެދު ވިސްނައިވެސް ނުލާނެއެވެ. އެއީ މައިންބަފައިންކަމުގައިވީނަމަވެސް އަނބިދަރިންކަމުގައިވީނަމަވެސް ހަމަ މިފަދަ ގޮތްގޮތަށް ކަންކަން އެބަކުރެއެވެ.  
އެފަދައިން ޢަމަލުކުރާ މީހުންނަކީ ދުނިޔޭގައި ބާރެއް ލިބުމުން އެއީ އުޑަށް އެރުނީ ކަމަށް ބަލައި ބޮޑާވެގަންނަ ބައެކެވެ. އެފަދަ މީހުންނަށް ޢާއިލާގެ ބާރެއް ލިބުމުން ޢާއިލާގެ އެހެން މީހުންނާއިމެދު ވިސްނައިވެސް ނުލާނެއެވެ. ވެރިކަމުގެ ބާރެއް ލިބިއްޖެ ނަމަ ރައްޔިތުންނާއިމެދު ވިސްނައެއް ނުލާނެއެވެ. އޮފީހެއްފަދަ ތަނެއްގައި ބާރެއް ލިބިއްޖެނަމަ މުވައްޒިފުންނާއިމެދު ވިސްނައެއް ނުލާނެއެވެ.  
ރަނގަޅަށް އަޑުއަހާށެވެ! މިފަދަ މީހުންނަކީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ލަދުވެތިވާން ޖެހޭނެ އެއް ބައެކެވެ. ލަދުން ﷲ ތައާލާގެ ޙަޟްރަތަށް ބަލައިލަންވެސް ނުކެރޭނެއެވެ. ރޮއި އާދޭސްކުރާނީ އަލުން، އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވަވައި ދެއްވެވުމަށެވެ. އެފަދަ މީހުން އަމިއްލައަށް މަރުވާން ވެސް ބޭނުންވާނެއެވެ. އެމީހުންނަށް ނަރަކައަށް ވަނުން ނޫން ގޮތެއް ނެތްކަން އެނގުމުން ނަރަކައަށް ވެއްދެވުމުގެ ބަދަލުގައި ބިމުހުރި ވެއްޔަށް ހައްދަވައި ދެއްވެވުމަށް އެދިވެސް އާދޭސް ދަންނަވާނެއެވެ.  
ކިތަންމެ ގިނަ ބައަކު ކިތަންމެ ވަރަކަށް އެދި ދެންނެވި ނަމަވެސް އެދުވަހު އެފަދަ އެއްވެސް ފުރުޞަތެއް އެއްވެސް މީހަކަށް ނުދެއްވަވާނެއެވެ. ޤިޔާމަތް ދުވަހު އޮންނާނީ އެންމެ ދެގޮތެވެ. އެއީ ސުވަރުގެ ނުވަތަ ނަރަކައަށް ވަނުމެވެ. އެދުވަހަކީ އެއްވެސް މީހަކު ވަންނާނެ ތަނެއް ނެތި މަގުމަތިވާނެ ދުވަހެއް ނޫނެވެ. އަދި ދޭތެރެ މެދުގައި ނުވަތަ އަރިމަތީގައިވެސް ހުރެވޭނެ ދުވަހެއް ނޫނެވެ. އެހެންކަމުން ޖެހޭނީ ސުވަރުގެ ނުވަތަ ނަރަކައަށް ވަންނާށެވެ!
 
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ