އަނިލްއަށް އަދިވެސް 'ސްލަމްޑޯގް މިލިއަނަ'އިން އާމްދަނީ ލިބޭ
މީގެ 18 އަހަރުކުރިން ރިލީޒްކުރި މަގުބޫލު އިނގިރޭސި ޑްރާމާ ފިލްމު "ސްލަމްޑޯގް މިލިއަނަ"ގައި އަނިލް ކަޕޫރު މަސައްކަތްކޮށްދިނީ ހިލޭ ސާބަހަށް ކަމަށް ވިޔަސް އަދިވެސް އެ ފިލްމުން އޭނާއަށް އާމްދަނީ ލިބޭ ކަމަށް އެކްޓަރު ބުނެފިއެވެ. އެ ފިލްމުގެ ޓީމުން މިއަދާ ހަމައަށް އަނިލްއަށް ލިބެމުންދާ ފައިސާގެ ސަބަބުން އަމިއްލަ ދިރިއުޅުމުގައި މާލީގޮތުން ފުދިގެން އުޅުމަށް ވަރަށް ބޮޑަށް އެހީތެރިކަމެއް ލިބޭކަމަށް އަނިލް ވަނީ ބުނެފައެވެ. "މިއީ ވަރަށް އަސަރުގަދަ ވަގުތުކޮޅެއް. މި ފިލްމު ނެރުނުތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. އެކަމަކު މި މަހު ވެސް "ސްލަމްޑޯގް މިލިއަނަ"ގެ ފަރާތުން އަހަންނަށް ޗެކެއް ލިބުނު،" މި ފަހުން ބޭއްވި 'އިންޑިއާ ޓުޑޭ ކޮންކްލޭވް 2026'ގައި މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަނިލް ބުނެފައިވެއެވެ. ފިލްމު "ސްލަމްޑޯގް މިލިއަނަ"ގައި އަނިލް އަދި އެ ފިލްމުގެ މުހިއްމު ރޯލެއް ކުޅުނު އެކްޓަރު ދޭވް ޕަޓޭލް--ފޮޓޯ/އިންޑިއާޓުޑޭ މި ފިލްމުން ލިބޭ އާމްދަނީގެ މިންވަރާ ބެހޭގޮތުން ސުވާލު ކުރުމުން އަނިލް ބުނީ، މި މަހު ލިބުނީ 3،000 ޕައުންޑް ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ ބައި މިލިއަނެއްހާ ޕައުންޑް ލިބިފައިވާނެ ކަމަށާއި، އޭނާ މިލިއަނަރަކަށްވީ އެ ސަބަބާ ހުރެ ކަމަށް ވެސް އޭނާ ހިނިތުންވުމާއެކު ބުންޏެވެ. އަނިލް ފާހަގަކުރި ގޮތުގައި، ފިލްމުގެ މަސައްކަތް ފެށިއިރު އޭނާ ބޭނުންވީ އެއްވެސް ފީއަކާ ނުލައި ހިލޭ އެ ފިލްމު ކުޅެދޭށެވެ. އެއީ ޑައިރެކްޓަރު ޑެނީ ބޮއިލްގެ މަސައްކަތުން ކަންތައްތަކެއް ދަސްކުރުމުގެ ބޭނުމުގައެވެ. ނަމަވެސް، ފިލްމުގެ ޓީމުން އަމިއްލައަށް އެ ފައިސާ ދެމުންދަނީ ކަމަށް އަނިލް ވަނީ ބުނެފައެވެ. ފިލްމު "ސްލަމްޑޯގް މިލިއަނަ" އަކީ ވިކާސް ސުވަރޫޕްގެ ފޮތް "ކިއު އެންޑް އޭ"އަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. މި ފިލްމަކީ 'ކޯން ބަނޭގާ ކްރޮރެޕަތީ'ގެ ނަމުގައި ގެނެސްދޭ ޝޯއެއްގައި މުމްބާއީގެ ފަގީރު އަވަށެއްގައި އުޅޭ ޖަމާލް މާލިކް (ދޭވް ޕަޓޭލް) ކިޔާ ޒުވާނަކު ބައިވެރިވެ، ބޮޑު އިނާމެއް ހާސިލްކުރާ ގޮތް ދައްކުވައިދިން ފިލްމެކެވެ. މި ފިލްމު ވަނީ 2009 ވަނަ އަހަރުގެ އެކަޑަމީ އެވޯޑްސްގައި 10 ނޮމިނޭޝަން ހޯދައި، އޭގެ ތެރެއިން 8 އެވޯޑް ކާމިޔާބުކޮށްފައިވެއެވެ. އުމުރުން 69 އަހަރުގެ އަނިލް އެންމެ ފަހުން ފެނިގެންދިޔައީ ޕްރައިމް ވީޑިއޯގެ ފިލްމު "ސުބޭދާރު" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އާލިއާ ބަޓް އަދި ޝަރުވަރީއާއެކު ފެނިގެންދާ ވައިއާރްއެފްގެ ފިލްމު "އަލްފާ"އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ