ސިހުރު ހެދުމަކީ ރާއްޖޭގައިވެސް އާންމުވަމުން އަންނަ ނުރައްކާތެރި ވަބާއެކެވެ. ސިހުރުވެރީންގެ ނުބައި އަމަލުތަކުގެ ސަބަބުން ގެއްލިގެން ދަނީ އެތައް ބައެއްގެ ދިރިއުޅުމެވެ. ހަލާކުވެ ރޫޅިގެން ދަނީ މުޖުތަމައުގެ ބަދަހިކަމެވެ. ފަނާވެގެންދަނީ ސުލްހަމަސަލަސް ކަމެވެ. ވަފާތެރި އަނބިންނާއި ފިރިން ވަކިވެއެވެ. ތޫނުފިލި ކުއްޖާގެ މުޅި ތަޢުލީމީ ހަޔާތް ވިއްސިވިހާލިވެއެވެ. ގާތްމިތުރުން ހަތުރުންނަށް ވެދެއެވެ. މަސައްކަތަށް ފަރުވާތެރި މުވައްޒަފު ކަންނެތްވެ، ވަޒީފާ ގެއްލޭ ގޮތް މެދުވެރިވެއެވެ. ހެޔޮ ސިއްހަތެއްގައި ދުޅަހެޔޮކޮށް ހުއްޓާ ބަލިވަނީ ނުވަތަ މިފަނާވަނިވި ދުނިޔެއާ އަބަދުގެ އަބަދަށް އެތައް ބަޔަކު ވަކިވާން ޖެހެނީވެސް ސިހުރުގެ ނުބައިކަމުންނެވެ.
ދީނީ ނަޒަރަކުން ސިހުރުގެ ނުބައިކަމަށް ބަލާލާމާ ހެއްޔެވެ؟ "ސިހުރު ހެދުމަކީ ބޮޑު ފާފައެއް" މިމަޢުޟޫގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވާފައިވާ ހުކުރު ޚުޠުބާއިން އެކަނިވެސް ކަމުގެ ނުބައިކަން ހާމަކޮށްދެއެވެ. އެ ޚުޠުބާގައި ބުނެފައިވާ ގޮތުގައި، ސިހުރަކީ ކާފިރުކަމަށް ވާސިލުކުރާ ނުބައި ފާފައެކެވެ. ސިހުރު ހެދުމަކީ މިހާރު ފެތުރެމުންދާ ބޮޑު ވަބާއަކަށް ވާއިރު މިއީ މާތްﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރެއިން ވާ ބޮޑު ފާފައެކެވެ.
ޚުތުބާގައި ބުނެފައި ވަނީ ސިހުރު ހަދާމީހާއަކީ ކާފިރެއް ކަމަށެވެ. އެމީހަކަށް ކަނޑައެޅިފައިވާ ޙުކުމަކީ ގަތުލުކުރުން ކަމަށެވެ. މާތް ﷲގެ ހަޒުރަތުގައި އޭނާގެ ތައުބާވުމަށް އެދުމެއް އަދި ތައުބާ ގަބޫލުކުރުމެއް ވެސް ނުވެއެވެ. ސިހުރުގެ ނުބައިކަމާ މެދު ދީނީ އިލްމުވެރީންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތެވެ.
ސިހުރަކީ ހަގީގަތެއް ނޫން ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް، ސިހުރަކީ ސާބިތުވެގެންވާ ހަގީގަތެކެވެ. އެކަމަށް މާތް ﷲގެ ވަހީ ބަސްފުޅު ފުދެއެވެ. މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ "އަދި ގޮށްތަކަށް ފުމޭމީހުން (އެބަހީ:ސިހުރު ހަދާމީހުން)ގެންގުޅޭ ތަކެތީގައި ގޮށްޖަހައި ބަނދެ އެއަށް ފުމެއެވެ. ސިހުރަކީ ވުޖޫދުގައި ނުވާ ކަމެއް ނަމަ އެކަމުން ސަލާމަތްވެ ރައްކާތެރިވުމަށް މާތްﷲ އަމުރު ނުކުރެއްވީހެވެ،" މިފަދައިންނެވެ.
ސިހުރު ހެދުމަކީ ރަސޫލާ ﷺ ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެކެވެ. އެއީ ފަނާ ކުރަނިވި ހަތް ފާފައިގެ ތެރޭ ހިމެނޭ އެއް ފާފަ ކަމަށް އެކަލޭގެފާނުގެ ހަދީޘް ބަސްފުޅުން އެނގެއެވެ. ރަސޫލާގެ ﷺގެ ހަދީޘް ބަސްފުޅުން މިސާލު ދައްކަވަމުން ހުކުރު ޚުތުބާގައި ވަނީ " ފާލު ބަލާ މީހެއްގެ ގާތަށްގޮސް އޭނާގެ ވާހަކަ ގަބޫލު ކޮށްފިމީހާގެ ނަމާދު 40 ދުވަސް ވަންދެން ﷲ ގަބޫލު ނުކުރައްވާ ހުއްޓެވެ."
މާތްﷲ ހަރާމް ކުރައްވާފައިވާ އެއްވެސް ކަމެއްގައި ޝިފާއެއް ނުވެއެވެ. އެހެންކަމުން މުސްލިމުންނަށް އޮތީ ކަންކަމުގައި އެދިގެން މާތް ﷲގެ ހަޟްރަތުގައި ދެންނެވުމެވެ. ސިހުރު ހަދާ މީހުންގެ ގާތަށް ދިއުމެއް ނޫނެވެ.
ސިހުރުގެ ދެ ބާވަތެއް ވެއެވެ. އެއްބާވަތަކީ ޙަޤީޤީ ސިޙުރެވެ. އަނެއް ބާވަތަކީ ޚިޔާލީ ސިޙުރެވެ.
ޙަޤީޤީ ސިހުރަކީ ސިހުރުވެރިޔަކު ޝައިޠާނުންގެ އެހީގައި ހަދާ ސިހުރުގެ ބާވަތްތަކެވެ.
މިސާލަކަށް، ބަލި ޖައްސާން، މަރާން، ކާވަނިވިޔަނުދޭން، ކާވަނިކުރާން، ވަރިކުރާން، ދެމަފިރީންގެ މެދުގައި ހަމަނުޖެހުން އުފައްދާން، އެކުވެރިންގެ މެދުގައި ދޭތެރެޖައްސާން ހަދާ ސިހުރު މީގެ ތެރޭގައި ހިމެނެއެވެ.
ކީރިތި ޤުރުއާނުގައި މި ފަދަ ކަންކަމުގެ ވާހަކަ ބަޔާންވެގެން ވެއެވެ.
މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ސިޙުރަކީ ޙަޤީޤާތެއް ވާ އެއްޗެއް ނޫން ނަމަ އެއިން ރައްކާތެރިވާކަށް ﷲ ތަޢާލާ ނޭންގެވީހެވެ."
ދެވަނަ ބާވަތް ކަމަށްވާ ޚިޔާލީ ސިހުރަކީ އޮޅުވާލުމާއި ކެހިވެރިކަމާއި އަތްމަތި އަވަސްކަމުގެ ތެރޭން ހަދާ ސިހުރެވެ. އޭގެ ޙަޤީޤަތެއް ނުވެއެވެ. މިޘާލަކަށް ފިރުޢައުނުގެ ސިހުރުވެރިން މޫސާގެފާނާ ބައްދަލުވިހިނދު ހެދި ސިޙުރަކީ މިބާވަތުގެ ސިހުރެވެ.
މާތް ﷲ އަހަރެމެން އެންމެނަކީ މިނުބައި ފާފައިން ދުރުހެލިވެގެންވާ އަދި މިފަދަ ފާފަތައް ކުރާ މީހުން ކުރާ ފާފައިގެ އަސަރުން އެއްކިބާވެގެންވާ ބައެއް ކަމުގައި ލައްވާންދޭވެ. އަދި ސިހުރުވެރީންގެ ނުބައި ރޭވުންތަކުން އަޅަމެންނާއި އަޅަމެގެންގެ އާއިލާތަކާއި މުޅި ދިވެހި އުންމަތް ރައްކާތެރި ކުރައްވާށިއެވެ. --- އާމީން -.
ސިހުރު ހެދުމަކީ ކާފިރުކަމަށް ވާސިލުކުރާ ނުބައި ފާފައެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ