487 މީހުނަށްފަހު ގުނުން ހުއްޓާލި: ބައިވެރިޔާގެ އިއްފަތް ފޭރުވި ބޭންކްމެނޭޖަރ ޖަލަށް

ފަރަންސޭސިވިލާތުގެ ބޭންކު މެނޭޖަރެއް ކަމަށްވާ ގުއިލޯމް ބޫޗީ، އޭނާގެ ކުރީގެ ބައިވެރިޔާއަށް ހަތް އަހަރު ވަންދެން ޖިސްމާނީ އަދި ޖިންސީ އަނިޔާކޮށް، ރޭޕްކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. މި އަނިޔާތަކުގެ ސަބަބުން އަނިޔާ ލިބުނު އަންހެންމީހާ ނުކުޅެދުންތެރި ހާލަތަކަށް ގޮސްފައިވާއިރު، މި މައްސަލައިގެ ތެރެއިން ބިރުދެއްކުމާއި، މަޖުބޫރުން ހަށިވިއްކުވުމުގެ ބިރުވެރި އަމަލުތަކެއް ވަނީ ފަޅާއަރާފައެވެ.
51 އަހަރުގެ ބޫޗީ، އޭނާގެ ލޯބިވެރިޔާ ލެޓީޝިއާ އާރް (42 އަހަރު) އަށް މި ބޮޑެތި އަނިޔާތައް ދީފައިވަނީ "ސެކްސް ގޭމް" ތަކެއްގެ ނަމުގައި އޮޅުވާލައިގެންނެވެ. އޭނާ ވަނީ އޮންލައިންކޮށް ހޯދާ ނުދަންނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގުމަށް ލެޓީޝިއާއަށް މަޖުބޫރުކޮށްފައެވެ. 2015 ވަނަ އަހަރުގެ ކްރިސްމަސް ދުވަހުގެ ރޭ، މަގުމަތީގައި ހުންނަ ސާވިސް ސްޓޭޝަނަކަށް ގޮސް ނުދަންނަ މީހުންނަށް އަމިއްލަ ހަށިގަނޑު ހުށަހެޅުމަށް ބޫޗީ އަމުރުކުރިއެވެ. އެ ވަގުތު އޭނާ ހުރީ ފޯނުން އެ މަންޒަރު އަޑުއަހާށެވެ.
ބޫޗީ ވަނީ އޭނާގެ ރަހުމަތްތެރިންނާއި، މަސައްކަތުގެ ބައިވެރިން އަދި ނުދަންނަ މީހުންނަށް ލެޓީޝިއާގެ ހަށިގަނޑު ވިއްކައި، އެމީހުންގެ ލިސްޓެއް ބެލެހެއްޓުމަށްވެސް އަންގާފައެވެ. ލެޓީޝިއާ ކޯޓުގައި ދިން ބަޔާނުގައި ބުނީ، އޭނާއަށް މަޖުބޫރުކޮށްގެން ގެނައި ފިރިހެނުންގެ އަދަދު 487 އަށް އެރުމުން، އެ އަދަދު ގުނުން ހުއްޓާލި ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތް ސިއްރުކުރުމަށް ބޫޗީ އެދުނު ނަމަވެސް، ލެޓީޝިއާ ވަނީ އެކަމަށް އިންކާރުކޮށް، އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިފައެވެ. އޭނާ ބުނި ގޮތުގައި މި ހިތްވަރު ލިބުނީ، ފަރަންސޭސިވިލާތުގައި މިފަދަ އަނިޔާތަކާ ދެކޮޅަށް ތެދުވި ޖިސޭލް ޕެލިކޯގެ ފަރާތުންނެވެ.
ޝަރީއަތުގެ މަޖިލީހުގައި ލެޓީޝިއާ ކިޔައިދިން ގޮތުގައި، 2015 އިން 2022 އަށް އޭނާ ދިރިއުޅެމުންދިޔައީ ބޫޗީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި، ނުހަނު ބިރުވެރިކަމެއްގެ ތެރޭގައެވެ. ބޫޗީ އޭނާއާ މުއާމަލާތްކުރީ އަޅެއްގެ ގޮތުގައި ކަމަށާއި، އިންސާނީ ކަރާމާތް ގެއްލޭ ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަށް މަޖުބޫރުކުރި ކަމަށް އޭނާ ބުންޏެވެ. މިގޮތުން، އެދެމީހުންގެ ދަރިފުޅު ވިހެއުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލިތާ އެންމެ ދުވަހެއްގެ ތެރޭގައިވެސް، ލޮރީ ޑްރައިވަރަކާއެކު ޖިންސީ އަމަލު ހިންގުމަށް ބޫޗީ ވަނީ އޭނާއަށް މަޖުބޫރުކޮށްފައެވެ.
"އަހަރެންގެ އެތެރެހަށި މަރުވަމުންދާހެން ހީވި،" ކަރުނާއާއެކު ލެޓީޝިއާ ކޯޓުގައި ބުންޏެވެ. "ކޮންމެ އައު އަނިޔާއެއް ކުރިމަތިވާއިރު، އަހަރެންގެ ނަފްސުގެ ބައެއް ދާއިމަށް ހަލާކުވެގެންދާ ފަދަ އިހުސާސެއް ކުރެވުނު." ކަމަށް އޭނާ ބުންޏެވެ.
ބޫޗީ ބައެއް އަމަލުތަކަށް އިއުތިރާފުވި ނަމަވެސް، އޭނާ ދިފާއުގައި ބުނީ އެއީ ދެމީހުންގެ ރުހުމުގައި، ޖިންސީ ގުޅުމުގެ ތެރެއިން ހިންގި "ކުޅިވަރުތަކެއް" ކަމަށެވެ. އަދި އޭނާގެ ބައިވެރިޔާއަށް އަނިޔާއެއް ލިބޭ ކަމަށް ގަބޫލުނުކުރާ ކަމަށްވެސް ބުންޏެވެ. ނަމަވެސް، ޕްރޮސެކިއުޓަރުން ވަނީ ބޫޗީ ފޮނުވާފައިވާ މެސެޖުތަކާއި ރެކޯޑިންގްތައް ހުށަހަޅާފައެވެ. އެ ހެކިތަކުން ސާފުވި ގޮތުގައި، ބޫޗީގެ އަމުރުތަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ މަރާލާނެ ކަމަށް ބުނެ އޭނާ ދިޔައީ ލެޓީޝިއާއަށް ބިރުދައްކަމުންނެވެ. އެހެންކަމުން، ލެޓީޝިއާ އެ ހުރިހާ ކަމެއް ކުރީ މަޖުބޫރުވެގެންކަން ޝަރީއަތަށް ސާބިތުވިއެވެ.
މީގެ އިތުރުން، ލެޓީޝިއާ ލައްވައި މަޖުބޫރުން ހަށިވިއްކުވި ކަމަށްވެސް ބޫޗީ ވަނީ އިއުތިރާފުވެފައެވެ.
ދައުލަތުގެ ވަކީލުން އެދިވަޑައިގަތީ ބޫޗީއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ އޭނާގެ ފަރާތުން އެހެން އަންހެނަކަށްވެސް މިފަދަ ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.
މި މައްސަލަ ބެލުމަށްފަހު ކޯޓުން ހުކުމްކުރީ ބޫޗީ 25 އަހަރަށް ޖަލަށްލުމަށެވެ. އަދި އޭނާގެ ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުގެ ކުރިން، ކަފާލާތުގެ ދަށުން މިނިވަންވުމަށް އެދުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ