ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލުން ބަޖެޓަށް ބުރައެއް ނުވާނެ: އަމީރު

މި މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑު ކުރަން ނިންމި ނިންމުމާ ގުޅިގެން ދައުލަތުގެ ބަޖެޓަށް ބުރައެއް ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދާ އެއްގޮތަށް މިއަދުން ފެށިގެން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަައިގެ އޮނިގަނޑަށް ގެނައި ބަދަލުތައް މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން:
އެންމެ ދަށް ރޭންކުގެ ޕްރިންސިޕަލަކަށް މަދުވެގެން 30،600ރ. ލިބޭނެ
އެންމެ ދަށް ރޭންކުގެ ޓީޗަރަކަށް މަދުވެގެން 13،200ރ. ލިބޭނެ
ތަފްސީލު - ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލުތަކުގެ ތަފްސީލު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އަމީރާ ބައެއް ނޫސްވެރިން ކުރިމަތިކުރި އެއް ސުވާލަކީ، އަހަރުގެ މެދެއްހާ ހިސާބުގައި ގެނައި މި ބަދަލަކީ ދައުލަތުގެ ބަޖެޓަށް އުފުލޭނެ ވަރުގެ ބުރައެއްތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ މުސާރަ ބޮޑުކުރަން ފެށީ ވެސް ބަޖެޓަށް އިތުރުވާނެ އަދަދުތައް އަންދާޒާ ކުރުމަށް ފަހު، އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ މި އަހަރު ތެރޭ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސްގެ ވައުދެއްކަން. އެހެން މަސައްކަތް ކުރީ ވެސް. މި އަހަރުގެ ބަޖެޓްގައި މިހާރު ވެސް ހިމެނިފައިވާނެ މިނިމަމް ވޭޖާއި އާ ޕޭ ފްރޭމްވޯކަށް ހިޖުރަކުރައްވާ ބޭފުޅުންނަށް ބަޖެޓްކޮށްފައިވާނެ. އެހެންވީމަ އިތުރު ފައިނޭންސެއް ހޯދުމަށް ބަޖެޓްގެ ބޭރުން މަސައްކަތެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މިނިމަމް ވޭޖު ތަންފީޒު ކުރުމަށާއި މުސާރައަށް ގެންނަ ބަދަލުތަކަށް މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. އެއީ:
200 މިލިއަން ރުފިޔާ: މިނިމަމް ވޭޖު ތަންފީޒު ކުރުމަށް
300 މިލިއަން ރުފިޔާ: މުސާރައަށް ގެންނަ ބަދަލުތަކަށް
ތަފްސީލް - ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު، އެންމެ ބޮޑު ހޭދަައެއް ކުރަން ޖެހެނީ ޓީޗަރުންގެ މުސާރައިގެ ކުރިއެރުމަށެވެ. އެގޮތުން، ޓީޗަރުންގެ މުސާރައިގެ ކުރިއެރުމަށް މަހެއްގެ މައްޗަށް 34.97 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުވެ އެވެ. އެއީ އަހަރެއްގެ މައްޗަށް 419.6 މިލިއަން ރުފިޔާ އެވެ.
ތައުލީމީ ދާއިރާގެ މުސާރައަށް ގެނައިި ބަދަލުތަކާ އެކު، ޖުމްލަ 488.6 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހެ އެވެ. އެއީ މަހެއްގެ މައްޗަށް 40.7 މިލިއަން ރުފިޔާ އެވެ. އެހެންކަމުން، މި އަހަރުގެ ބާކީ އޮތް މަސްތަކަށް ޖުމްލަ 284.9 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ އަހަރުގެ ބާކީ އޮތް މަސްތަކަށް ބަލާއިރު، މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ އަދަދުތަކުން މުސާރައަށް ގެނައި ބަދަލުން އިތުރުވާ ބައި ފަރުޖެއްސޭނެ ކަމަށެވެ.
"ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ ރަނގަޅަށް މިހާރު ވެސް ޕާފޯމް ކުރަމުން އެބަދޭ. އެހެންވީމާ ބަޖެޓްގައި މިހާރު ހިމެނިފައިވާ ޑެފިސިޓް އިތުރަށް ބޮޑުވެގެން ދާނެ ތަނެއް އަޅުގަނޑަކަށް ނުފެނޭ. މިސާލަކަށް އިތުރު އެހެން ކަމެއް [ނުވަތަ] ސަޕްލިމަންޓްރީ ބަޖެޓެއް އެފަދަ ކަމެއް ނުކުރާ ނަމަ ޑެފިސިޓް ބޮޑުވާނެ ތަނެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
އަމީރު އިތުރަށް ވިދާޅުވީ:
މި އަހަރަށް ވުރެ އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި ކުޑަ ވާނެ
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ގިނަ ބައްދަލުވުންތަކެއް ވަނީ ބާއްވާފައ؛ އެކަން ވެސް ވަރަށް އަވަހަށް ނިމޭނެ
ނުކުޅުދެންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ވެސް ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ
ފަސްމަންޒަރު -  ސަރުކާރުން މިއަދު ގެނައި ބަދަލާ އެކު، ތައުލީމީ ދާއިރާގެ 8،889 މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ އެވެ.
މި ބަދަލާ އެކު، އެހެން ދާއިރާތަކުގެ މުސާރައިގެ ފަރަގު ކުޑަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ވިދާޅުވެފަ އެވެ. އެ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން -
އޯޓީއާ އެކު ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މުސާރައިން އެކަނި ލިބޭނެ ގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި
ހުރިހާ ދާއިރާތަކެއްގެ މުސާރަ ބޮޑުކޮށް، ދެން އޮތީ ގައުމު ބިނާކުރުމުގެ އާ ބާބެއް: ރައީސް
މުސާރަ ބޮޑުކުރުމުން ރަށްރަށަށް ޕްރިންސިޕަލުންނާއި ޓީޗަރުން ހޯދޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ