ޕީޖީގެ މަގާމަށް ދެން ނަން ފޮނުވާނީ އާ މަޖިލީހަށް: ރައީސް އޮފީސް

ޕްރޮސެކިއުޓަ ޖެނަރަލްގެ މަގާމަށް އަލުން ނަމެއް ފޮނުވޭވަރުވާނީ 18 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާކުރުމުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިހެން ބުނެފައި މިވަނީ ޕީޖީގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހ. މީނާޒް، މައުމޫން ހަމީދަށް ރުހުން ނެތް ކަމަށް ރއްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނިކޮށެވެ.
ގާނޫނު އަސާސީގެ 221 ވަނަ މާއްދާގައި ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާކަމަށް ބަޔާންކޮށްފައިވެ އެވެ. ނަަމަވެސް މައުމޫން ހަމީދަށް ރުހުންދިނުމަށް މިމަހުގެ 14 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕީޖީގެ މަގާމަށް އޭނާ އައްޔަންކުރަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 36 މެންބަރުންނެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 17 މެންބަރުން ވޯޓް ދެއްވާފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތަކީ 39 މެންބަރުން ކަމަށްވާތީ މައުމޫންގެ ހަމީދުގެ ނަން މަޖިލީހުން ފާސްނުވީ އެ އަދަދަށް ވޯޓް ލިބިވަޑައިނުގަތުމުންނެވެ.
މުއާޒު މިއަދު ވިދާޅުވީ ޕީޖީގެ މަގާމަށް ނަމެއް ފޮނުވަން ރައީސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް ދައުރު ހަމަވުމަށް ކުޑަދުވަސްކޮޅަކަށް ވެފައިވާ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ދެން ނަމެއް ފޮނުވޭނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޖީގެ މަގާމަށް ބޭފުޅެއްގެ ނަން އަލުން ފޮނުވާއިރު، މައުމޫން ހަމީދުގެ ނަން ފޮނުވަފާނެތޯ ދެންނެވުމުން މުއާޒު ވިދާޅުވީ "އެއީ ވެދާނެ ކަމެއް" ކަމަށެވެ. ނަމަވެސް ޕީޖީގެ މަގާމަށް އަލުން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވަންވާނީ އާންމުކޮށް އިއުލާންކުރުމަށްފަހު ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަމަށް ޕީޖީގެ ގާނޫނުގައި ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ