މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރާ ހަވާލުކޮށް ރާއްޖެއިން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 27 ޑޮލަރުގެ ޗާޖެއް ނެގުމަށް ނިންމާފައިވާތީ އެކަން ހުއްޓުވުމަށް އިދިކޮޅު އިއްތިހާދުން ގުޅިގެން ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް މަދަނީ ކޯޓުން އިއްޔެ ނިންމައިފި އެވެ.
އެ މައްސަލަ ބަލައިނުގެން މަދަނީ ކޯޓުން ބުނެފައި ވަނީ ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ މީހެއްގެ އަތުން ފައިސާ ނެގުމަށް ނިންމައި އެކަން ތަންފީޒު ކުރުމަށް ހަލުވިކަމާ އެކު މަސައްކަތް ކުރަމުންދާ ކަމަށް ގައުމީ ޕާޓީ އާއި ޑީއާރުޕީ އާއި ޕީއޭ އަދި ޖުމްހޫރީ ޕާޓީން ގުޅިގެން ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާގައި ބުނެފައިވާ ކަމަށެވެ. އެކަމަކު އެކަން ތަންފީޒު ކުރުމުގެ ގޮތުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގަކަށް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭ ގޮތަށް ސަރުކާރުން މިހާތަނަށް ކޮށްފައިވާ ކަމެއް އެ މައްސަލައިގައި ބަޔާންކޮށްފައިނުވާ ކަމަށް މަދަނީ ކޯޓުން ބުނެ އެވެ.
"... ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކަށް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭ ގޮތަށް ދިވެހި ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ ކަމެއް ބަޔާން ކުރައްވާފައިނުވާތީ މި މައްސަލަ ހުށަހަޅުއްވާފައިވާ ގޮތަށް އަދި ބަލައިގަނެ ހިންގެން ނެތް ކަމުގައި ދެންނެވިން،" މަދަނީ ކޯޓުގެ ނިންމުމުގައިވެ އެވެ.
އިދިކޮޅު އިއްތިހާދުން ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ބުނާ ފަދަ ގާނޫނެއް ނެތި ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރާއި ދެ ޑޮލަރުގެ ޗާޖެއް ނެގުމަށް ސަރުކާރުން ނިންމައި އެ ފައިސާ ނެގުމަށްޓަކައި ހަލުވިކަމާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމަކީ ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތައް ބަލިކޮށް ރައްޔިތުންނަށް ލިބޭ ހައްގުތަކުން މަހްރޫމް ކުރުމަށް ފަހު ސަރުކާރުން ކުރަން ނިންމާފައިވާ ކަމެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ. އެހެންކަމުން ސަރުކާރުން ކުރަމުންދާ އެ އަމަލު ވަގުތުން ހުއްޓާލުމަށް އެންގުމަށް އިއްތިހާދުން ކޯޓުގައި އެދިފައިވެ އެވެ.
މި މައްސަލައިގައި ސަރުކާރުން ކުރިން ބުނެފައި ވަނީ އެ އަދަދު ނަގަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ސާވިސް ޗާޖެއްގެ ގޮތުގައި ކަމަށާއި އެއީ ސަރުކާރަށް ކޮންމެ ފަސިންޖަރެއްގެ އަތުން ނަގަން މަޖިލީހުން ފާސްކޮށްފައިވާ 18 ޑޮލަރުގެ ޓެކްސްއާ މުޅިން ތަފާތު އެއްޗެއް ކަމަށެވެ. އަދި އެއާޕޯޓް ހިންގުމަށް ހަވާލުކޮށްފައިވާ ޖީއެމްއާރަށް އެ ފައިސާ ނެގޭނީ އެއާޕޯޓުގެ ތަރައްގީ އަށް ކޮންމެވެސް ކަމެއް ކުރުމަށް ފަހު ކަމުގައި ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ފަސިންޖަރުންގެ އަތުން 25 ޑޮލަރު ނެގުމާ ދެކޮޅަށް އިދިކޮޅު އިއްތިހާދުން ހުށަހެޅި މައްސަލަ ކޯޓުން ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ