ގާޒީ ބަދަލުކޮށްދިނުން އެދިވަޑައިގެން ކޯޓަށް ފޮނުއްވި ސިޓީ މީޑިއާއާ ހިއްސާކުރުމުން މަހްލޫފް މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގެންފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފްގެ މައްޗަށް ދައުލަތުން ދައުވާކުރާ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދިނުން އެދިވަޑައިގެން ކޯޓަށް ފޮނުއްވި ސިޓީ މީޑިއާ އަށް އާންމުކުރުމުން އެކަމަށް މަހްލޫފް މައާފަށް އެދިވަޑައިގަންނަވަން ޖެހިއްޖެ އެވެ.
މިމައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ދައުވާއާ ގުޅިގެން ކިތާބީ ހެކި ހުށަހަޅާފަ އެވެ.
މިމައްސަލާގައި މަހްލޫފްގެ ވަކާލާތު ކުރައްވަމުން ގެންދަވާ ވަކީލް ނާޒިމް އަބްދުއްސައްތާރު ސަސްޕެންޑް ކޮށްފައިވާތީ ވަކީލަކާ ނުލައި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މަހްލޫފް ވެސް ވަނީ ތިން ކަމެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން މަހްލޫފް ހުށަހަޅުއްވާފައިވަނީ އޭނާގެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ބަދަލުކޮށްދިނުމަށް އެދިފައިވާ ގޮތަށް އެކަން ކޮށްދިނުމަށާއި ވަކީލް ސަސްޕެންޑް ކޮށްފައި ހުރި މައްސަލައާ ގުޅޭ ލިޔުންތައް ލިބިވަޑައިގެންފައި ނުވާތީ ޝަރީއަތް ފަސްކޮށްދިނުމަށާއި ޝަރީއަތް ފެށުމަށް ތާވަލްކުރާ ވަގުތަށްވުރެ ލަހުން ޝަރީއަތްތައް ފައްޓަވާ އެކަމަށް ހައްލެއް ހޯދުމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ ގާޒީ ބަދަލުކޮށް ދެއްވުން އެދިވަޑައިގެން މަހްލޫފް ފޮނުއްވި ސިޓީ ކޯޓަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ގާޒީއަށް އެ ސިޓީ ގާޒީއަށް އެ ސިޓީ ލިބިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ މަހްލޫފް ކޯޓަށް ފޮނުވި ސިޓީ މީޑިއާއާ ހިއްސާކުރުމުން ބައެއް ވެބްސައިޓްތަކުގައި އެ ސިޓީއާ ގުޅިގެން ލިޔެފައިވަ ހުރި ހަަބަރުތައް ވިދާޅުވުމަށްފަހު އެއީ ސިޓީގައި ހިމެނޭ މައުލޫމާތު ސުވާލުކުރައްވާފަ އެވެ. ޖަވާބުގައި މަހްލޫފް ވިދާޅުވީ ގާޒީ ބަދަލުކޮށްދިނުމަށް ކޯޓަށް ފޮނުވި ސިޓީ މީޑިއާ ހިއްސާކުރި ކަމަށާއި އެކަން ކުރީ ގާޒީ ބަދަލުކުރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކަމަށެވެ.
މަހްލޫފަށް ޖަވާބު ދެއްވަމުން ގާޒީ ވިދާޅުވީ ވަކީލް ސަސްޕެންޝަންގައި ހުރި ކަން މަހްލޫފް ކޯޓަށް އެންގީ މަހްލޫފްގެ ފަރާތުން މައްސަލައާއި ގުޅިގެން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ދިން ހަތް ދުވަސް ހަމަވި ފަހުން ކަމަށެވެ.
ގާޒީ ވިދާޅުވީ ކޯޓުގައި ހިނގާ މައްސަލައަކާއި ގުޅިގެން ކޯޓަށް ފޮނުވާ ސިޓީ މީޑިއާއާ ހިއްސާކުރުމަކީ ޝަރީއަތްތަކާ މެދު ސުވާލު އުފެއްދުމަށް ދެވޭ ފުރުސަތަކަށްވާތީއާއި އެއީ ޝަރީއަތަށް ނުފޫޒު ފޯރުވޭފަަދަ އަމަލަކަށްވާތީ އެކަމަށް ކޯޓުގައި މައާފަށް އެދި ދެވަނަ ފަހަރަށް އެފަދަ އަމަލެއް ތަކުރާރު ނުކުރުމަށް މަހުލޫފަށް ދަންނަވާ ކަމަށެވެ.
ގާޒީ މައާފަށް އެދިވަޑައިގަތުމަށް އެންގެވުމާ ގުޅިގެން މަހުލޫފް ވަނީ މައާފަށް އެދިވަޑައިގެން އެފަދަ ކަމެއް ތަކުރާރުނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މަހްލޫފްގެ މިއަދުގެ ޝަރީއަތް ފަސްކޮށްދިނުމަށް އޭނާ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ދައުލަތުން އިއުތިރާޒުކޮށްފައި ނުވާތީ ގާޒީ ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވާ މިމަހުގެ 31 ވަނަ ދުވަހު މިމައްސަލައިގެ ޝަރީއަތެއް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ