މުއްދަތު ހަމަވެފައި، ނުވަތަ ހަމަވާން ކައިރިވެފައިވާ ކާބޯތަކެތި އެސްޓީއޯއިން ނުވިއްކާނެ: އެސްޓީއޯ

މުއްދަތު ހަމަވެފައި ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާ ކާބޯތަކެތި އެސްޓީއޯއިން ނުވިއްކާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށް އެކުންފުނިން ބުނެފިއެވެ.އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުގައި ޢާއްމު ރައްޔިތުންނަށް ހެޔޮ އަގުގައި ފިޔާ، ބިސް، އަދި އަލުވި ފޯރުކޮށްދިނުމަށްޓަކައި މިތަކެތި ރާއްޖެ އެތެރެކޮށް އެސްޓީއޯއިން ދަނީ ވިއްކަމުން ކަމަށެވެ. އެގޮތުން، އެސްޓީއޯއިން މިއަހަރު ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބިހަކީ ހެލްތު މިނިސްޓްރީން 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހު ޢާއްމުކޮށްފައިވާ އިއުލާނާއި، އެއްގޮތަށް އެތެރެ ކުރެވިފައިވާ ބިސް ކަމަށެވެ.އެއިއުލާންގައިވާ ގޮތުން 2018 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރާ ބިސް، ޓްރީމަންޓެއް ނުދީ، ފިނި ނުކޮށް، އިމްޕޯޓްކޮށް ވިއްކަން ބަހައްޓަންވާނީ ކުކުޅުބިސް އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަށް ކަމަށެވެ. 28 ދުވަހުގެ މި މުއްދަތުގައި ބިސް އެތެރެކޮށް ގުދަންކުރުމަށް 7 ދުވަސް ނަގާނެއެވެ. ބާކީ އޮންނަ 21 ދުވަހަކީ ބިސް ވިއްކުމަށް ބަހައްޓަންލިބޭ ދުވަސްތަކެވެ. އެސްޓީއޯއިން ބުނީ، އެކުންފުނިން އެތެރެކުރާ އެންމެހާ ކާބޯތަކެތި ގެނެވެނީ ހެލްތު މިނިސްޓްރީއާއި އެމް.އެފް.ޑީ.އޭ ގެ ޤަވާއިދުތަކުގެ ދަށުން ކަމުގައިއާއި މުއްދަތު ހަމަވާން ކައިރިވެފައިހުރި ނުވަތަ މުއްދަތު ހަމަވެފައި ހުރި ތަކެތި އެކުންފުނިން އެތެރެ ކޮށް ނުވިއްކާނެ ކަމުގެ ޔަގީންކަން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އަރުވާ ކަމަށެވެ. އެހެން ނަމަވެސް މިކަމާގުޅިގެން މީސް މީޑިއާ އާއި އެކި މީޑިއާތަކުގައި ޞައްޙަނޫން މަޢުލޫމާތު ފަތުރަމުންދާކަމީ ހިތާމަ ކުރާ ކަމެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ