ފަހު ދިހައެއްގައި މާލޭގެ 23 މިސްކިތެއްގައި ދަމު ނަމާދުގެ ޖަމާއަތް އޮންނާނެ

ރަމަޟާން މަހު ފަހު ދިހައެއްގައި މާލޭ ސަރައްހަދުގައި ދަމު ނަމާދު 23 މިސްކިތެއްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މާލޭ ސަރަހައްދުގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގެ 15 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 5 މިސްކިތެކެވެ. ކޮންމެ އަހަރެއްގެ ރޯދަމަހުވެސް ފަހު ދިހައެއްގައި ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް ދަމު ނަމާދަށް އަރައެވެ.
އިސްލާމިކް މިނިސްޓަރީންވަނީ ދަމުނަމާދު ކުރުމުގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ގައި އިޢުތިކާފަށް ތިބުމުގެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. މިގޮތުން މާލޭގެ 5 މިސްކިތަކާއި ވިލިމާލޭގެ މިސްކިތެއްގެ އިތުރަށް ހުޅުމާލޭގެ 2 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.
މި ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެނަނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ. އަދި ރަމަޟާން މަހުގެ ފަހުދިހައަކީ، މިމަހުގެ އެހެން ދުވަސްތަކަށްވުރެ ހެޔޮކަން ބޮޑު، ހަމަ އެހެންމެ އެ ރެއެއްގައި ކުރެވޭ އަޅުކަން އެތައްހާސް ގުނައެއް އިތުރުވެގެންދާ ލައިލަތުލްޤަދުރި ވިލޭރޭ ހިމެނެނީ ރަމަޟާންމަހުގެ ފަހުދިހައިގައި ކަމުގައި ވުމަކީވެސް ރަމަޟާން މަހުގެ ފަހުދިހައިގައި ދަމުނަމާދުކުރުމަށް އިސްކަންދޭ ކަމެކެވެ.
ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން ދަމުނަމާދުކޮށް އުޅެއެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު ދެގަޑި ސުންމިނެޓުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ