ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހުސްވެފައިވާ ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާދީއްދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރެއްގެ ދައުރު ހަމަވެފައިވާތީވެ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި، އެ މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހުގެ ކުރިން އެ އިދާރާއަށް ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ.
ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ދައުރު ހަމަވެފައިވަނީ، ޖަރުމަނު ވިލާތުގެ ސަފީރުކަމަށް އައްޔަނުކުރެއްވި ޑރ. ޖަމީލާ އަލީގެ އެވެ. ޑރ. ޖަމީލާ އަލީ ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނުކޮށްފައިވަނީ 2012 ވަނަ އަހަރުގަ އެވެ. ޖަމީލާ އަލީ ހުންނެވީ ސިވިލް ސާރވިސް ކޮމިޝަންގެ ނައިބް ރައީސްކަމުގެ މަޤާމުގައެވެ.
ޤާނޫނު ބުނާގޮތުން ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރެއްގެ މަޤާމެއް ހުސްވެއްޖެނަމަ އެކަމަށް ކުރިމަތިލުމަށް ހުޅުވާލާ، ކުރިމަތިލާ ފަރާތްތަކާއި އިންޓަވިއުކޮށް ޕޮއިންޓް ދޭނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީންނެވެ. އަދި ކޮމެޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރުން ނުވަތަ މެންބަރެއް ސިވިލް ސާރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެކަމަށް ޤާނުނުގައި ބުނެފައިވެއެވެ.
ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލެވޭނީ އުމުރު 30 އަހަރު ފުރިފައިވާ ފަރާތްތަކަށް އެކަނި އެވެ. އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އޭގެއިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އެއްވެސް  އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައިވެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ