މަޤާމުގެ ނުފޫޒު ފޯރުވުމުގެ މައްސަލައިގާ އުއްތަމަ ފަނޑިޔާރާ އަލީ ޙަމީދަށް މާދަމާ ޙުކުމް އިއްވަނީ

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ މައްސަލައިގާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ. މިއަދު ވަނީ މައްސަލާގެ ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވާފަ އެވެ. އެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ހުސެއިން ޝަހީދު ވަނީ މާދަމާ ހަވީރު 4 ޖަހާއިރު ހުކުމް އިއްވާނެކަމަށް ވިދާޅުވެފަ ކަމަށް ވަކީލުން ވިދާޅުވެއެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދާ މި މައްސަލާގެ ޝަރީއަތުގައި ދައުލަތުން ދެ ފަނޑިޔާރުންނާ ދެކޮޅަށް ހުށަހަޅާފައިވަނީ ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެކެވެ.
މި ދައުވާގެ އިތުރުން ވެސް އިތުރު ދައުވާތަކެއް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރެ އެވެ. އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ދެ ބޭފުޅުންގެ މައްޗަށް ކުރާއިރު ރިޝްވަތު ހިފުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ. އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މިއަދު ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ