ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ގޮވާލައިފި

ސަރުކާރުގެ ހުރިިހާ މުވައްޒަފުންގެ މުސާރަ 20،000ރ. އަށް ވުރެން ދަށް ކުރުމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ގޮވާލައްވައިފި އެވެ.
މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ، މި ހާލަތަކީ ހަމަ އެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތެއް ނޫން ކަމަށާއި އެކަމަށް ކުރިމަތިލުމުގެ ގޮތުން ދައުލަތުގެ ހަރަދު ވަރަށް ބޮޑަށް ކުޑަ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދައުލަތުގެ މުވައްޒަފުނެގެ މުސާރަ ކުޑަކުރުމުން ވަރަށް ބޮޑުތަން ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ. ހާއްސަކޮށް ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވަމުންދާ އިނާޔަތްތައް ހުއްޓަލަން ގޮވާލިއެވެ.
މަޖިލިސް މެންބަރުންގެ މުސާރަ ވެސް 20،000 އަށް ވުރެން ބޮޑު ނުވާގޮތަށް ކުޑަކުރުމަށް ސަލީމް ވަނީ ގޮވާލައްވާފަ އެވެ. އަދި މެންބަރުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތައް ހަދައި ކޮންމެ ޖަލްސާއެއް އޮންނަ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދެވިދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
"ދެން ސިވިލް ސާވިސްގެ މުސާރައިން އެންމެ އެއްޗެއް ވެސް އުނިކޮށްގެން ނުވާނެ،" މެމްބަރު ސަލީމް ވިދާޅުވި އެވެ.
ސިޔާސީ އެއްވެސް މުވައްޒަފެއްގެ މުސާރަ ވެސް 20،000 ރުފިޔާއަށް ވުރެން ކުޑަވެގެން ނޫނީ މި ހާލަތުން އަރައި ނުގަނެވޭނެ ކަން ސަލީމް ވަނީ ފާހަގަކޮށްފަ އެވެ.
ފިނޭންސް މިނިސްޓަރ ވެސް މިހާރުގެ ހާލަތަށް ވިސްނުމަށްފަހު ކުރިޔަށް ރޭވިފަ ހުރި މަޝްރޫޢުތައް ހުއްޓާލަންޖެހޭކަމަށެވެ.
"އަޅުގަނޑުމެން މިހާރު ދާންވީ 2013 ވަނަ އަހަރުގެ ބަޖެޓަށް އެ ބަޖެޓަކީ ގާތްގަޑަކަށް 17 ބިލިއަން ރުފިޔާއޭ އަޅުގަނޑު ހަނދާން ވަނީ 2014 ވަނަ އަހަރުގެ ބަޖެޓަކީ 21 ބިލިއަނުގެ ބަޖެޓެއް. އެހިސާބަށް އަޅުގަނޑުމެން ތިރިވާންވީ. އަޅުގަނޑުމެން ތިރިވާން ޖެހުނީމަ އަޅުގަނޑުމެން ތިރިވާން ޖެހޭނެ،" ސަލީމް ވިދާޅުވި އެވެ.
އަދި މިދަނޑިވަޅުގައި ވިސްނައިގެން ފިޔަވަޅުތައް ނޭޅިނަމަ މިގައުމު އަތްނުފޯރާ ހިސާބަށް ހިގައިދާނެކަމަށް ސަލީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ