ރާޅާއަޅަން އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަނީ

ގއ. ކޮލަމާފުށިން ރާޅާއަޅަން ނުކުމެގެން އުޅެނިކޮށް ގެއްލުނު ދިވެއްސަކު އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެ ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ކޮލަމާފުށީ ކުނާވިޔާގޭ، މުހައްމަދު ސައްމޫން ޝަރީފު 21، ކަމަށާއި އެ ޒުވާނާ ގެއްލިގެން އުޅޭކަން ސިފައިންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 16:30 އެހާކަންހާއިރު ކަމަށެވެ. އެ ޒުވާނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެ ސަަރަހައްދުގައި ކުރަމުން އަންނަ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
"ތިން ކުއްޖަކު މޫދަށް އެރިގެން އުޅެނިކޮށް އެކަަކު ގެއްލިގެން ކޯސްްޓްގާޑުން ގެންދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން،" އަބްދުﷲ ވިދާޅުވި އެވެ.
ކޮލަމާފުށީގެ ކައުންސިލްގެ ރައީސް އަހުމަދު ޖަމީލް ވިދާޅުވީ އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގައި މައުލޫމާތު 15:20 އެހާކަންހާއިރު ކައުންސިލަށް އެނގުމާ އެކު އެމައުލޫމާތު އެމްއެންޑީއެފާއި ފުލުހުންނަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެ ޒުވާނާ މޫދަށް ގޮސް އުޅުނީ އިތުރު ދެ ކުއްޖަކާ އެކު ކަމަށާއި އެ ކުދިން ބުނާ ގޮތުގައި ގެއްލިގެން އުޅޭ ޒުވާނާ އަތުގައި ރާޅާ އާޅާ ބޯޑެއް ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
" އެތިން ކުދިން އެކުގައި މޫދަށް އެރި އުޅުނީ، މި ގެއްލިގެން އުޅޭ ކުއްޖާ އޮޔާ ދަމައިގަތީ ތަންކޮޅެއް ބޭރަށް ދެވިގެން ކަމަށް އަނެއް ދެ ކުދިން ބުނަނީ،" ޖަމީލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ