އަބްދުﷲ ގާޒީ އަށް "މަރުގެ އިންޒާރު ދިން" މީހަކާ ދެކޮޅަށް ހެކިބަސް ދީފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި ބިރުދައްކައި އިންޒާރުދިން ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގައިފި އެވެ.
މ. އަހިގަސް އަލީ ނަސީމްގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ގަޒުފް ކުރުމުގެ ކުށުގެ ދައުވާ އާއި ބިރުދައްކައި އިންޒާރު ދިނުމުގެ ކުށުގެ ދައުވާ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހަޅާފައިވާ ދެ ހެކީންގެ ތެރެއިން އެންމެ ފަހު މީހާގެ ހެކިބަސް ނަގައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދައުވާގައި ބުނެފައިވާ ކަންތައް އޭނާ ކުރިކަމަށް ހުރިހާ ހެކީން ވެސް ހެކިބަސް ދީފައިވާ ކަމަށެވެ.
އެ މައްސަލައިގައި ދެން އޮންނާނީ ދައުލަތުން ހުށަހަޅައިފައިވާ ސީސީޓީވީ ޕުޓޭޖް ޝަރީއަތުގައި ބެލުން ކަމަށް ވެސް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
ނަސީމްގެ މައްޗަށް ދައުލަތުން ކުރި ގަޒުފުކުރުމުގެ ކުށުގެ ދައުވާގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 9:40 ހާއިރު ފަރީދީ މަގުގައި ހުންނަ ނޮވެލްޓީ ބްކްޝޮޕް ކައިރިން އަބްދުﷲ ގާޒީ ސައިކަލެއްގައި ދަނިކޮށް ނަސީމް އަބްދުﷲ ގާޒީގެ ފަހަތުން ގޮސް އޭނާއާ ދިމާލަށް "ކަލޭ އަމާ މިހާރު ވެސް ބަލިވެއިނީ ކަލެއަށްދޯއޭ" ބުނެ އަބްދުﷲ މުހައްމަދާއި އޭނާގެ މަންމަ އަށް ގަޒުފް ކޮށްފައިވާ ކަމަށެވެ.
ނަސީމްގެ މައްޗަށް ބިރުދައްކައި އިންޒާރު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ހަމަ އެރޭ އަބްދުﷲ ގާޒީ ސައިކަލްގައި ދަނިކޮށް އޭނާގެ ފަހަތުން ގޮސް މަރާލާނެ ކަމަށް ބުނެ މަރުގެ އިންޒާރުދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ގަޒުފުގެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ ތައުޒޫރު ކުރުމެވެ. އަދި ބިރުދައްކައި އިންޒާރުދިނުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބަކީ ހަ މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ