އިނިގިރޭސި ސަފީރު، ޕީޕީއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ، އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އިސްކޮށް ބައިރިވެވަޑައިގަތީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ އިތުރުން ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރުކަން ކުރެއްވި މުހައްމަދު ހުސެއިން ޝަރީފެވެ. މި ސަރުކާރުން ވެރިކަން ހިންގާ ގޮތާ މެދު އިދިކޮޅުގެ ހުރި ކަންބޮޑުވުންތައް ހައި ކޮމިޝަނަރާ މި ބައްދަލުވުމުގައި ވަނީ ހިއްސާ ކުރައްވައިފަ އެވެ.
ޕީޕީއެމުން ބައްދަލުވުމުގެ ތަފްސީލެއް އަދި ނުދެ އެވެ. އެކަމަކު މި ބައްދަލުވުން މި ބޭއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސް ދައުރެއް އަދާކުރި ކަމަށް ފުލުހުން ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހުރިހާ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކުރުމާ އެކު އޭނާ މިނިވަން ވުމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އަސާސެއް ނެތް ދައުވާތަކެއް ކަން ސާބިތުވެފައިވާ ކަމަށް ބުނެ ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ.
ޕީޕީއެމުން ބުނާ ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ޔާމީނަށް އެކަނި ހުކުމް އިއްވައި ޖަލަށް ލީ ސިޔާސީ މަގްސަދެއްގަ އެވެ. އެ މަނިކުފާނުގެ މައްޗަށް އެ ޚިޔާނާތާ ގުޅުވައި މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް ވަނީ އުފުލައިފަ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުން ޕީޕީއެމާއި ޕީއެންސީން އަންނަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް ފާޑުކިއަމުންނެވެ. މި ސަރުކާރުގެ މިސްރާބު ގޯސް ކަމަށާއި ގާނޫނާ ޚިލާފު އަމަލުތައް ހިންގަމުންދާ ކަމަށް ވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ