ރާއްޖެއާއި ސައުދީ ދެމެދު އެތައް ސަތޭކަ މޭލެއް ހުރި ނަމަވެސް ދެޤައުމުގެ ދެމެދުގައި އޮންނަނީ އެއްބަނޑު އެއްބަފާ ދެބެންގެ ގުޅުން ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަދު ފެށި ދީނީ އިލްމުވެރިންގެ މަހާސިންތާ ހުޅުއްވަވައި ދެއްވައި، ވާހަކަ ދައްކަވަމުން، ރާއްޖެއާ ދިމާއަށް ތަފާތު ފިއްތުން އަންނަނީ ތަފާތު އެކިއެކި ދީންތަކަށް މި ގައުމު ނުހުޅުވައިގެން އުޅޭ ބައެއްގެ ފަރާތުންކަން ފާހަގަ ކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ ގައުމުތަކުންް ރާއްޖެ އާއި ދޭތެރޭގައި ފިއްތުން ކުރިމަތިކުރާ ދަނޑިވަޅުގައި ދިވެހިންގެ ބޭބެ ނުވަތަ އަޚު ސައުދީ އައިސް ރާއްޖެގެ އަތުގައި ހިފާ ކަމީ އެކަމާ ފަހުރުވެރިވާ ކަމެއްކަމުގައެވެ.
މީގެ އިތުރުން މިނިސްޓަރ އުމަރު ވިދާޅުވީ ސައުދީ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ގާތް، އަދި ވަރަށް ޒަމާންވީ ގުޅުމެއް ކަމަށާއި އެ ގުޅުން އަބަދުވެސް ރާއްޖެ އާއި ސައުދީން ދަމަހައްޓާނެ ކަމަށެވެ.
މިނިސްޓަރ އުމަރު އިތުރަށް ވިދާޅުވީ އިސްލާމް ދީނަކީ މުޅި ދުނިޔަށް ނިސްބަތްވާ ދީނެއްކަން ރަމްޒުކޮށްދޭ އެއް ހެއްކަކީ ސައުދީގައި އޮތް ކަހަލަ ސައްތައިން ސައްތަ އިސްލާމީ މުޖުތަމައެއް ރާއްޖޭގައި އޮތުންކަމަށާއި، މިއީ ރާއްޖެއާއި ސައުދީ އާއި ހާއްސަ ގުުމެއް އޮންނަ އެއް ސަބަބު ކަމުގައެވެ. އަދި ސައްތައިންސައްތަ މުސްލިމް ގައުމެއް ގޮތު އިންޑިޔާ ކަނޑުގައި އެތައް ސަތޭކަ އަހަރެއް ވަންދެން ރާއްޖެ ދެމިއޮތުމަކީ މުއުޖިޒާތެއް ކަމަށް ވެސް ބުނެވިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ވަރަށް ގިނަ ގައުމުތަކުގެ ތަފާތު ވަކިތަކުން މިންޖުވެ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ފަހުރުވެރިވާ ކަމަކަށްވާއިރު މިއަދު ދުނިޔެއިން ފެންނަނީ ސައުދީ ކުރިޔަށް ނުކުމެ ދުނިޔޭގައި ލީޑް ކުރާ މަންޒަރު ކަމަށާއި ސައުދީ ރަސްކަމާއި ރައްޔިތުންގެ ކިބައިން އާ ރޫހަކާއި ޖޯޝެއް ނުކުމެގެން އަންނަތަން ކަމަށެވެ. އަދި ދިވެހި ރާއްޖެ އޮތީ ސައުދީއާއެކު ފައިހަމަކޮށް ހިފަހައްޓާ ގޮތަށް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮވެގެން އަންނަ ފިއްތުމާއެކު އެތެރޭގައި އުފެދޭ ހައްދުފަހަނަޅައި ދިއުމުގެ ވިސްނުމާއި ދީނުގައި އޮތް ގޮތް ނޫން ހަރުކަށި އުސޫލްތަކެއް ބައެއް ފަރާތަކުން ގެންގުޅޭތީ ވެސް ފިއްތުން ކުރުމަތިވާ ކަމަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ އެކަން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ކުރިމަތިވެފައިވާ ކަމަށާއި، އޭގެ އެއް ހައްލަކަށްވާނީ އިސްލާމްދީން އެ ފަސްގަނޑަކަށް ބާވާލެއްވެވި ސައުދީގެ އާލިމުން އެކަންކަން ރަނގަޅަށް އޮޅުން ފިލުއްވައިދެއްވުން ކަމަށެވެ.
ރާއްޖެއާއި ސައުދީއާއި ދެމެދު އޮންނަނީ އެއްބަނޑު އެއްބަފާ ދެބެންގެ ގުޅުން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ