ޣައްޒާއާއި އިސްރާއީލު ގުޅޭ އިމުގައި ފަލަސްތީނު ޒުވާނުންނާއި އިސްރާއީލުގެ އުދުވާނީ ބާރުތަކާ ދެމެދު މިއަދު ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ ދެމީހުން ޝަހީދު ވެއްޖެއެވެ.
ޣައްޒާ-އިސްރާއީލު ގުޅޭ އިމުގެ އެކި ދިމަދިމާއިން ފަލަސްތީނުގެ ޒުވާނުން މިއަދުވަނީ އިސްރާއީލުގެ އުދުވާނީ ބާރުތަކާ ކުރިމަތިލައި، އޮށްގަލުން ހަމަލާ ދީފައެވެ. ރައްދުގައި އިސްރާއީލު ސިފައިން ފަލަސްތީނު ޒުވާނުންނަށް ދުންބޮމާއި، އަސްލު ވަޒަނާއި، ރަބަރު ވަޒަނުން ހަމަލާ ދެމުން ގެންދިޔަ ކަމަށް އެ ސަރަހައްދުގައި ހުރި އޭއެފްޕީގެ މުރާސިލު ބުނެފައި ވެއެވެ.
ޣައްޒާގައި ހުންނަ ހަމާސްއިން ހިންގާ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އުމުރުން 24 އަހަރުގެ ޒަކަރިއްޔާ އަލް ކަފަރްނީހް ޝަހީދުވެފައިވަނީ، ޣައްޒާގެ އުތުރުގެ ޖަބާލިއާގައި ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި އިސްރާއީލު ސިފައިން ފޮނުވާލި ވަޒަނެއް އޭނާގެ މެޔަށް އަރައިގެން ކަމަށެވެ.
މިއަދު ދެން ޝަހީދުވެފައިވަނީ އުމުރުން 29 އަހަރުގެ މުހަންމަދު މުހައިސިން ނަމަކަށްކިޔާ މީހެކެވެ. އޭނާ ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގެ އިރުމަތީގައި ހިނގި ކުރިމަތިލުންތަކެއްގެ ތެރޭގައެވެ.
މިއަދުގެ ކުރިމަތިލުންތަކުގެ ތެރޭގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހަމަލާ ދިނުމުގެ ސަބަބުން އިތުރު 94 މީހުން ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ޣައްޒާގެ އިތުރުން، ހުޅަނގު އައްސޭރީގެ ރަށްތައް ކަމަށްވާ ރާމަﷲއާއި، ހަބްރޫނާއި އެނޫންވެސް ރަށްތަކުގައި މިއަދު ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެފައިވަނީ، ހުޅަނގު އައްސޭރީގެ ރަށްތަކުގައި ހިނގި ކުރިމަތިލުންތަކުގައި އެތައްބަޔަކަށް އަނިޔާ ލިބުނު ކަމަށެވެ. އޭގެ ތެރެއިން ހަތްމީހެއްގެ ގަޔަށް އަސްލު ވަޒަން އެރުމުގެ ސަބަބުން ފަރުވާ ދެމުންގެންދާ ކަމަށްވެސް ބުނެފައި ވެއެވެ.
އިސްރާއީލުން ފަލަސްތީނު ދެމީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ