ދައުލަތުގެ ހުރިހާ އެއްޗެއް ރައީސް ޔާމީން ބޭނުންކޮށް ހުސްކޮށްފި: މެމްބަރު ލަތީފް

ދިވެހިރާއްޖޭގެ ދައުލަތުގެ ހުރިހާ އެއްޗެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބޭނުންކޮށް ހުސްކޮށްފި ކަމަށާއި ރައްޔިތުން ބޭނުންކުރުމަށް ބާކީ އެއްވެސް އެއްޗެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހަންމަދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން 2018 ވަނަ އަހަރު ބޭއްވި ފުރަތަމަ ޖަލްސާގައި މާމިގިލީގައި މިރޭ ވާހަކަފުޅު ދައްކަވަމުން މެމްބަރު ލަތީފް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް މިހާތަނަށް ވަރަށް އަނިޔާކޮށްފި ކަމަށެވެ. އެގޮތުން ސަރުކާރާ ދެކޮޅަށް ނުކުންނަ ކޮންމެ ލީޑަރަކަށްވެސް ޖަލުގޮޅީގެ އަނިޔާ ދެމުން އަންނަ ކަމަށާއި، ރައީސް ޔާމީން ބޭނުންވަނީ އިދިކޮޅު ލީޑަރެއް ނެތި ވެރިކަން ކުރައްވަން ކަމަށެވެ.
ރައީސް ޔާމީން ބޭނުންފުޅުވަނީ ރައްޔިތުންނަށް ނުލަފާކަމާއި ބިރުދައްކައިގެން އުޅުއްވަން ކަމަށާއި އެކަމަކު މިއަނިޔާވެރިކަން ނިމުމަކަށް ގެންނަވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ރައީސް ޔާމީނަށް ދައުލަތުގެ ރަށްތަކާއި ފައިސާ ފެނި މޮޔަފުޅު ވެއްޖެ ކަމަށާއި، ދައުރުގެ މިހާތަނަށް އައިރު ދައުލަތުގައިހުރި ހުރިހާ އެއްޗެއް ރައީސް ޔާމީން ބޭނުންކޮށް ހުސްކޮށްފި ކަމަށެވެ. އަދި ދައުލަތުގައި ރައްޔިތުން ބޭނުންކުރުމަށް ބާކީ އެއްވެސް އެއްޗެއް މިހާރު ނެތްކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ