ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އާލާސްކަންފުޅާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެެވެ.
ރައީސް މައުމޫންގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިސް ބޭފުޅަކު ވަނީ މައުމޫން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވާފައި ކަމަށް އޮންލައިން ނޫސް "ސީއެންއެމް" އިން ބުނެއެވެ.
މައުމޫން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
މައުމޫންގެ އާލާސްކަންފުޅާއި ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް މައުމޫން އާލާސްކަންފުޅާއި އުޅުއްވާތާ ދެތިން ދުވަސް ވެއްޖެ ކަމަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވެފައި ވެއެވެ.
މައުމޫނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންގެންދާއިރު އިއްޔެ އަކީ އެމަނިކުފާނުގެ 82 ވަނަ އުފަން ދުވަހެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މައުމޫންގެ ޖަލަށް ލާފައި ހުރި ދުވަސްވަރު އެމަނިކުފާނުގެ ސިއްހީ ހާލުހޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އާއިލާ އިން ބުނެފައި ވެއެވެ. ޖަލަށް ލުމުގެ ދުވަސްކޮޅެއް ކުރިން ފެށިގެން މައުމޫން އުޅުއްވީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ނަމަކަށް ކިޔާ އާލާސްކަންފުޅެއްގައި ކަމަށް އެދުވަސްވަރު މައުމޫންގެ ވަކީލުން ވެސް ވިދާޅުވެފައި ވެއެވެ. އެއީ ނޫނީ ބޯއެނބުރައިގަނެ ވެއްޓުމުގެ ބައްޔެކެވެ.
އެބަލީގެ ފަރުވާ ތަކަކީ އާންމުގޮތެއްގައި އެކިއެކި ގޮތްގޮތަށް އޮށޯވެއޮވެގެން، ނުވަތަ ބައެއް ކަހަލަ ކުދިކުދި ކަސްރަތު ތަރުތީބުން ކޮށްގެން ހައްލު ލިބޭ ސިއްހީހާލަތެއް ކަމަށް ޑޮކްޓަރުން ވިދާާޅުވެ އެވެ. ނަމަވެސް މިހާރު މައުމޫނަށް ފަރުވާ ދެވެމުން ދަނީ އެއާލާސްކަންފުޅާއި ގުޅިގެން ކަމެއް ނޭނގެއެވެ.
މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ