އަލަށް ޕައިލެޓުކަން ކިޔަވައިގެން އަންނަ މީހުން ނުވަތަ ކެޑޭޓު ޕައިލެޓުން ރާއްޖެއަށް އިތުރަށް ބޭނުންނުވާ ކަމަށާއި މި ސަރުކާރުން ދެން ޕައިލެޓުކަން ކިޔެވުމަށް ސްޓޫޑެންޓް ލޯން ދޫނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ވަޒީފާ އުފެދޭ މިންވަރަށްވުރެ އެތައް ގުނައެއް ގިނައިން ޕައިލެޓުކަން ކިޔަވަމުންދާ ކަމަށާއި މިއީ ރާއްޖެއަށް އެކަނި ޖެހިފައި އޮތް މައްސަލައެއް ނޫން ކަމަށެވެ. މިކަން ހައްލުކުރަން ދިވެހި ރައްޔިތަކަށް މެނުވީ ކެޑޭޓު ޕައިލެޓުކަން ނުދޭން އެއާލައިންތަކަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"ވަޒީފާ އުފެދޭ ވަރަކަށް ނޫނީ ވަޒީފާ ދެވެން އޮތް ވަރަކަށް އެއާލައިންތަކަށް ދެވޭނީ ދެއްތޯ. މިހާރު ވިސްނާ ވަޑައިގަންނަވާ އަޅުގަނޑު މި ދެންނެވި 500 އަށްވުރެ ގިނަ ކުދިންނަށް ސްކޮލަޝިޕް ދީގެން އެ ކުދިން ނިމިގެން އަންނައިރު އަހަރެއްގެ ތެރޭގަ 24 އަކަށް ކުދިންނަށް ނޫނީ 25 އަކަށް ކުދިންނަށް ވަޒީފާ ދެވޭ ކަމަށް ވަނީނަމަ ދެން މި އަންނަ ނުވަތަ އައިސްފަ ތިބި ކުދިންނަށް ވާނެ ގޮތް،" ގައުމީ އެއާލައިންގައި ކުރިން ޕައިލެޓުކަން ކުރެއްވި އަމީން ވިދާޅުވި އެވެ.
ޕައިލެޓުކަން ކިޔަވައިގެން އަންނަ ކުދިންގެ ލައިސެންސް ވެސް އާ ކުރަން ޖެހޭ ކަމަށާއި ވަޒީފާ ނުލިބޭނަމަ ކިޔެވި އެއްޗެއްގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އަމީން ވިދާޅުވި އެވެ. މިއީ ޖީލަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެކަން ހައްލުކުރަން އިތުރަށް ޕައިލެޓުން ނަގަން އެއާލައިންތަކަށް މަޖުބޫރުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރަކު އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން ސަރުކާރުގަ ޕައިލެޓް ޓްރެއިނިން އަކަށް އިތުރަކަށް ފުރުސަތު، މިވަގުތަކަށް ހުޅުވާލާނެއޭ. އެއީ އަޅުގަނޑު ދެކޭގޮތުގަ މި ގައުމަކަށް ބޭނުމެއް ނޫން މިވަގުތު ކެޑޭޓް ޕައިލެޓުން އިތުރަކަށް ޓްރެއިން ކުރާކަށް،" އަމީން ވިދާޅުވި އެވެ.
އެ ކުދިން ގައުމަށް ބޭނުންވާ އެހެން ދާއިރާތަކުން ކިޔެވުމަށް ފުރުސަތު ލިބޭނެ ކަމަށާއި ނަމަވެސް މިވަގުތު ޓްރެއިން ހަދަމުން އަންނަ ކުދިން ކިޔަވާ ދާއިރާ ބަދަލުކުރަން ބޭނުން ނޫން ނަމަ އެކަމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް އަމީން ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މިފަދައިން ވާހަކަދައްކަވާފައި މިވަނީ މި އަހަރު ދޫކުރާ ސްޓޭންޑް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުކޮށްފައިވަނިކޮށެވެ. މާޗު 29، ގައި ހުޅުވާލި 500 ލޯނުގެ ފުރުސަތު އެޕްރީލް މަހުގެ ނިޔަލަށް 1،300 މީހުން ކުރިމަތިލި އެވެ. ސަރުކާރުން މިހާތަނަށް މި އަހަރުގެ ސްޓޭންޑް ލޯނު ލިބޭ ފަރާތްތައް ހާމަކޮށްފައެއް ނުވެ އެވެ.
އިތުރަށް ޕައިލެޓުން ބޭނުމެއް ނުވޭ، ޕައިލެޓުކަން ކިޔަވަން ސަރުކާރަކުން ދެން ލޯނެއް ނުދޭނެ: އަމީން އިތުރަށް ޕައިލެޓުން ބޭނުމެއް ނުވޭ، ޕައިލެޓުކަން ކިޔަވަން ސަރުކާރަކުން ދެން ލޯނެއް ނުދޭނެ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ