ޗައިނާގެ އެހީގައި ޕާކިސްތާނުން ނިއުކްލިއާ ހަކަތައިން ކަރަންޓް އުފައްދާ ކާރުހާނާއެއް އަޅަނީ

ޕާކިސްތާނާއި ޗައިނާއިން 1،200 މެގަވޮޓުގެ ކަރަންޓު އުފައްދާ ނިއުކްލިއާ ކާރުހާނާއެއް އެޅުމަށް 4.8 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޗައިނާ ނެޝަނަލް ނިއުކްލިއާ ކޯޕަރޭޝަނާއި ޕާކިސްތާނުގެ އެޓޮމިކް އެނާޖީ ކޮމިޝަނާ އެކު ސޮއިކުރި އެއްބަސްވުމަށް ފަހު ސަރުކާރުގެ ޕީޓީވީއަށް ބޮޑުވަޒީރު ޝަރީފް ވިދާޅުވީ 'ޗަޝްމާ 5'ގެ ނަން ދީފައިވާ މަޝްރޫއުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށެވެ. 
"މި ޕްރޮޖެކްޓަށް ޗައިނާއިން 4.8 ބިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމުމުން، ޕާކިސްތާނަކީ ޗައިނާގެ ކުންފުނިތަކާއި އިންވެސްޓަރުން އިތުބާރު ކުރާ ތަނެއް ކަމުގެ ވަރުގަދަ މެސެޖެއް ލިބިގެންދޭ،" ޝަރީފް ވިދާޅުވި އެވެ.
މި ކާރުހާނާ ބިނާކުރުމަށް ހަމަޖެހިފައި ވަނީ ޕާކިސްތާނުގެ މެދުތެރޭ އޮންނަ ޕަންޖާބު ޕްރޮވިންސުގަ އެވެ. މި މަޝްރޫއުގެ ދަށުން، ޕާކިސްތާނުން ތެލަށް ބަރޯސާވެފައިވާ މިންވަރު މަދުކުރުމަށް ޗައިނާއިން އެހީތެރިވެދޭނެ އެވެ.
މީގެ ދެ އަހަރު ކުރިން ހުޅުވި ހަ ވަނަ ނިއުކްލިއާ ކާރުހާނާއާ އެކު، ޕާކިސްތާނުގައި ނިއުކްލިއާ ހަކަތައިން ކަރަންޓު އުފައްދާ ކެޕޭސިޓީ ވަނީ 1،400 މެގަވޮޓަށް އިތުރުވެފަ އެވެ. ދެކުނުގައި އޮތް ބަނދަރުމަތީ ކަރާޗީ ސިޓީގައި ހުޅުވި 1،100 މެގަވޮޓްގެ އެ ކާރުހާނާ ވެސް ބިނާކޮށްފައި ވަނީ ޗައިނާގެ އެހީތެރިކަމާ އެކު އެވެ.
އިގްތިސާދީ ބޮޑު ކާރިސާއެއް ކުރިމަތިވެފައި އޮތް ޕާކިސްތާނަށް އާ ނިއުކްލިއާ ކާރުހާނާއެއް އެޅުމަށް 100 މިލިއަން ޑޮލަރުގެ ޑިސްކައުންޓެއް ޗައިނާ ކުންފުނިން ދިނީތީ ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ނަމަވެސް، މި މަޝްރޫއަކީ ޗައިނާއިން ހިންގަމުން އަންނަ 'ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް'ގެ ދަށުން ޕާކިސްތާނުގައި 65 ބިލިއަން ޑޮލަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިނގުމަށް ޗައިނާއިން ވެފައިވާ ވައުދުގެ ބައެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ޔަގީނެއް ނޫނެވެ.
'ޗަޝްމާ 5' ޕްރޮޖެކްޓު ފެށުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ މީގެ ދެ އަހަރު ކުރިން ކަމަށްވީ ނަމަވެސް، މި މަޝްރޫއުގެ އަގަށް ބަދަލެއް ގެނެސްފައި ނުވުމުން ވެސް ޝަރީފް ވަނީ ޗައިނާ ނެޝަނަލް ނިއުކްލިއާ ކޯޕަރޭޝަނަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި މަޝްރޫއު ފެށުމަށް އެ ކުންފުނިން 104.53 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ