އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ފަށައިފި

އެއާޕޯޓްގެ ޓެކްސީ ކިއުއާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް އިތުރުވަމުންދާތީ، އެމައްސަލަ ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެމް.އޭ.ސީ.އެލްއިން މަސައްކަތްތަކެއް ފަށައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިއުއިން ކުރިމަތިވާ މައްސަލަތައް ބޮޑުވެ، އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އިތުރުވަމުންދާކަމަށެވެ.
ޓެކްސީތަކާއި ގުޅޭގޮތުން ލިބިފައިވާ ބައެއް ޝަކުވާތަކުގެ ތެރޭގައި ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށް ފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރުކުރުމާއި، މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރުކުރުން ހިމެނޭކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
އާއްމުން ހުށަހަޅަމުންދާ ޝަކުވާތައް ބަލައި، އެކަންކަމަށް ހައްލެއް ގެނައުމަށް ޓެކްސީ ޝަކުވާބެލުމާ ގުޅޭ ކޮމެޓީއެއް މިހާރު އެކުލަވާލާފައިވާކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އަދި މިހާތަނަށް ލިބިފައިވާ ޝަކުވާތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް މައުލޫމާތު ލިބިފައިވާ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޓެކްސީތަކާއި ގުޅޭ އެކި މައްސަލަތައް ހައްލުކުރުމަށްޓަކާ، ކަމާބެހޭ ވުޒާރާތަކާއި އެމްއޭސީއެލްއާދެމެދު މަޝްވަރާކުރެވި އެއާޕޯޓު ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި، އަންގާރަދުވަހުން ފެށިގެން ޕްލޭނަށް އަމަލުކުރަމުންދާކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާނޭކަމަށާއި، ގަވާއިދާއި ޚިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާމެދު ވަނީ ފިޔަވަޅު އަޅާނޭކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން ގަވާއިދާ ޚިލާފަށް ޓެކްސީކުރާ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ޓެކްސީ ގަވާއިދުގެ ދަށުން، ޓެކްސީ ލައިސަންސް ލިބިފައިވާ އުޅަނދަކުން އެޚިދުމަތް ދިނުމަށްޓަކައި ވަކި ކަންތައްތަކެއް ފުރިހަމަކުރަން ޖެހެއެވެ. އެގޮތުން، ގަވާއިދާ އެއްގޮތަށް ޓެކްސީ ބޯޑު ހަރުކުރުމާއި، ފަސިންޖަރުން ފެންނާނެހެން ޓެކްސީގެ ބިއްލޫރި ބެހެއްޓުމާއި، ވީޑިއޯ ކެމެރާ ހުރުމާއި، އޭގެ ރެކޯޑިން ރައްކާތެރިކޮށް ގެންގުޅުމާއި، ޚިދުމަތްދިނުމުގެ އަގުތަކާއި ޑްރައިވިން ލައިސަންސް ފެންނަގޮތަށް ބެހެއްޓުން ހިމެނެއެވެ. މީގެއިތުރުން ޕްރައިވެޓް ހަޔަރތަކަށްވެސް ވަކި މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ