އާދަޔާ ހިލާފު ބޯކޮށް ވާރޭވެހި ގަލްފުގައި ފެންބޮޑުވެފައި ވާ އިރު އޮމާނުން 18 މީހަކު މަރުވެގެން ރިޕޯޓު ކޮށްފި

ޔޫއޭއީ ހިމެނޭހެން ގަލްފު ސަރަހައްދުގެ ބޮޑު ބަޔަކަށް އާދަޔާ ހިލާފު ބޯކޮށް ވާރޭވެހި ފެންބޮޑުވެ ހިނގަމުން ދާ ހާދިސާ ތަކުގައި އޮމާނުން 18 މީހަކު މަރުވެ 2 މީހަކު ގެއްލިގެން ރިޕޯޓު ކޮށްފިއެވެ. އޮފިޝަލުން ބުނާގޮތުން, ބާރު ވަޔާއި ބޯ ވާރޭގައި މަގުތަކުގައި ފެންބޮޑޫވާން މާ ގިނައިރުތަކެއް ނުނަގައެވެ.
އާންމުވެފައި ވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުން އަބޫދާބީގައި އުސް ބައެއް އިމާރާތްތަކުގެ ބެލްކަނީތަކުގައި ހުރި ގޮނޑިތަކާއި ބައެއް ތަކެތި ވަޔާ އުކާލާ މަންޒަރުތަކާއި ދުބާއީ އެއާޕޯޓާއި މަގުތަކުގައި ފެންބޮޑުވެ ހުއްޓުމަކަށް އައިސްފައި ވާ މަންޒަރުތައް ފެނެއެވެ.
އޮމާނުގެ އޮފިޝަލުންނާ ހަވާލާދީ ހަބަރުތަކުން ބުނާގޮތުން މަރުވި މީހުންގެ ތެރޭގައި ވެހިކަލެއްގައި ތިބި 9 ސްކޫލު ކުދިންނާއި އެ ވެހިކަލްގެ ޑްރައިވަރުވެސް ހިމެނެއެވެ. ސަމަދް އައްޝާން ކިޔާ ސަރަހައްދެއްގައި ހިނގި ހާދިސާގައި އެކުދިން ތިބި ވެހިކަލް ފެންގަނޑާއެކު ދަމައިގަނެގެން ގެންދިޔައީ ކަމަށް ބުނެފައި ވެއެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވާ އިރު ދެމީހަކު ގެއްލިގެން ވެސް ދަނީ ހޯދަމުންނެވެ. ހަބަރުތަކުން ބުނާގޮތުން ވިއްސާރަގައި އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ އުތުރު ބިތުގެ އައްޝަރުގިއްޔާ އަށެވެ.
ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ތަންތަން ބަންދުކުރަން ސަރުކާރުން އާންމުކޮށް އިއުލާން ނެރެފައި ވާ އިރު, އާންމުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތްވެސް ހިނގަމުން އެބަދެއެވެ.
އޮމާން އާ ޖެހިގެން އޮންނަ ޔޫއޭއީއަށް ވެސް މި ވިއްސާރައިގައި އާދަޔާ ހިލާފަށް އަސަރުކޮށް ފެންބޮޑޫވެފައި ވާ އިރު ވިޔަފާރީގެ މަރުކަޒު ދުބާއީގެ ބޮޑުވައެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ. މަގުތައް ބްލޮކްވެ ކާރުތަކާއި އެހެނިގެން ވެހިކަލްތައް ފެންގަނޑުގެ ތެރޭގައި އޮޔާ ދާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވާ އިރު ދުބާއީ އެއާޕޯޓުގައި ފެންގަނޑުގެ ތެރޭގައި ބޯޓެއް ދުއްވާފައި ދާ މަންޒަރުވެސް ފެންނަ ކްލިޕްތައް ވެސް ވަނީ އާންމު ވެފައެވެ.
މޫސުމާ ބެހޭ އިދާރާތަކުން ބުނާގޮތުން ހެނދުނު ވެގެން އައިއިރު 30 މިލިމީޓަރު (1.2 އިންޗި) އަށް ވާރޭ ވެހިފައި ވެއެވެ. އަދި އަންދާޒާ ކުރަނީ މިއަދު 5 އިންޗިއަށް ފެންބޮޑުވާނެ ކަމަށެވެ.
މި ވިއްސާރައިގައި ބަހުރައިން ގަތަރު އަދި ސައުދީއަށް ވެސް ދަނީ ވާރޭ ވެހެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ