ރާއްޖޭގައި ވީޗެޓް ޕޭ ފެށުމަށް މަޝްވަރާކޮށްފި

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި ވީޗެޓްގެ ރީޖަނަލް ޑިރެކްޓަރާއި ބައްދަލުކުރައްވައި، ރާއްޖޭގައި ވީޗެޓް ޕޭ ފެށުމަށް މަޝްވަރާކޮށްފިއެވެ.
ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،  ވީޗެޓް ޕޭ ގެ ރީޖަނަލް ޑިރެކްޓަރާއި ބައްދަލުކޮށް އެ ބައްދަލުކުރެއްވުމުގަައި ރާއްޖޭގައި ވީޗެޓް ފެށުމަށް މަޝްވަރާތައް ކުރެވުނު ކަމަށެވެ.
މީގެ ކުރިން ވަޒީރު ސައީދު ވަނީ ދުނިޔޭގެ މަޝްހޫރު އީ-ވޮލެޓުތައް ރާއްޖޭއަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވައި، އެ މަސައްކަތަށް ސަރުކާރަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މީގެ އިތުރުން ވެސް ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ވަރުގަދަ އީ ވޮލެޓެއް ރާއްޖެއަށް ގެންނަން ވަރަށް ބާރަށް މަސައްކަތް ކުރާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮރެއާ، ޖަޕާން، ޗައިނާ، ޔޫއެސްއ،ޭ ސިންގަޕ،ޯ މެލޭޝިޔާ، އިންޑިއ،ާ ޔޫއޭއ،ީ މިހެން ގޮސް ހުރިހާ ވަރުގަދަ އީ ވޮލެޓެއް ރާއްޖޭ ގެންނަން ވަރަށް ބާރަށް މަސައްކަތް ކުރަން."
ވަޒީރު ސައީދު ވިދާޅުވިއެވެ.
އީ ވޮލެޓް ގެ ހިދުމަތް ރާއްޖެ އަށް ތައާރަފް ކުރުމަކީ ރައީސް ޑރ.މުޢިއްޒުގެ ވައުދުފުޅަކަށް ވާއިރު، މިދިޔަ މަހުގެ ތެރޭގައި ބީއެމްއެލް އިން ވަނީ  މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން އެ ބޭންކުން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް މުއާމަލާތް ކުރެވޭގޮތް ހަމަޖައްސާފައެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ އަލަށް ތައާރަފް ކުރެވިގެންދިޔަ އީ-ވޮލެޓްގެ ހިދުމަތާއި އެކު ކަސްޓަމަރުންނަށް ބޭންކްގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން ސްކްރިލް، ޕޭޕަލް އަދި އެނޫންވެސް މިފަދަ ހިދުމަތްތައް ފޯރުކޮށްދޭ  ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެކަމަށެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، އަލަށް މި ގެނެވުނު ބަދަލާއި އެކު ކަސްޓަމަރުންނަށް ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އީ-ވޮލެޓް ތައާރަފުކޮށް، ބޭރުގެ ފަރާތްތަކަށް ޚިދުމަތްތައް ވިއްކައި، އެއިން ލިބޭ މަންފާ ރައްޔިތުންނަށް ލިބޭ ގޮތް ހަދައިދެއްވުން ކަމަށް މީގެ ކުރިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ