ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑިގެއްލޭ އިސްލާހު ޤާނޫނު އަސާސީއަށް

ރައްޔިތުންގެ މަޖިލިހަށް ހޮވާ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭނާ މި އިސްލާހު ހުށަހަޅުއްވާފައި މިވަނީ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށް، އެންޓި ޑިފެކްޝަން ޤާނޫނު ފާސްކޮށް ތަސްދީގު ކުރައްވާފައިވަނިކޮށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގައިވާގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ މިނިވަން ކެންޑިޑޭޓަކު ޕާޓީއަކަށް ސޮއިކޮށްފިނަމަ އަދި ޕާޓީން މެންބަރަކު ވަކިކޮށްފިނަމަ އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ. މިހާރު އޮތް އެންޓި ޑިފެކްޝަން ޤާނޫނުގައިވާ ގޮތުން މިފަދަ އެއްވެސް ހާލަތެއް ދިމާވެއްޖެނަމަ މެންބަރު އަމިއްލައަށް އިސްތިއުފާ ދޭން ޖެހެއެވެ. ނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން އަމަލުކުރާނެ ގޮތެއް މި ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ.
ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ޕާޓީން ވަކިކުރާ މެންބަރުންގެ ތެރެއިން ގޮނޑި ގެއްލޭނީ އެ ޕާޓީއެއްގެ ނިންމުމާ ޚިލާފަށް ވޯޓުދީގެން އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީން ވަކިކުރުމުންނެވެ. އެހެން ހާލަތެއްގައި ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަމުން ވަކިވާނީ އެ މެންބަރަކު އިންތިޚާބުވީ ދާއިރާގެ ވޯޓުދިނުމުގެ ޙައްގު ލިބޭ މީހުންގެ އަޣުލަބިއްޔަތުން ވަކިކުރުމުންނެވެ.
މީގެ އިތުރުން އެއްވެސް މެންބަރެއް ތަމްސީލް ކުރާ ދާއިރާގެ ވޯޓުލުމުގެ ޙައްގު ލިބިފައިވާ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފިނަމަ އެ ޕެޓިޝަން ދިރާސާކޮށް، އޭނާ މަގާމުގައި ބެހެއްޓުމާ ގުޅޭގޮތުން އާންމު ވޯޓެއް ނަގަން ޖެހޭނެކަމަށް ވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެ މެންބަރަކު މަގާމުން ވަކިވާނީ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުންނެވެ.
މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް މިހާރު އޮތް އެންޓި ޑިފެކްޝަން ޤާނޫނުގައިވާ ގޮތުން މެންބަރަކު ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ