ދިވެހި މަސައްކަތްތެރިންނަށް އޮތީ އުޖާލާ ކުރިމަގެއް - ރައީސް

ސަރުކާރުން ފަށާފައިވާ އުއްމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ. ރައީސް ވިދާޅުވީ ޤައުމުގެ ތަރައްގީއާއި ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާދާރުންނަކީ މަސައްކަތްތެރިން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ މަސައްކަތްތެރި ކުންފުނިތަކާއި ފަރުދުންނަށް ދައުލަތުން ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ އޮތުން ކަމަށެވެ. އޭގެ ސަބަބުން އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ހިންގުމުގެ ޚަރަދުތައް ނުކުރެވި، ޤައުމުގެ އިޤްތިޞާދު ފުން އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށާއި އާމްދަނީ ލިބެމުންދާ މިންވަރަކުން ދަރަނި ދެއްކުމަށް ސަރުކާރުން އިސްކަން ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.
ސިވިލް ސަރވިސްއާ ސިއްޙީ ޚިދުމަތުގައި އުޅުމަށްފަހު މަސައްކަތުން ދުރަށްގޮސް ތިބި ޚިދުމަތްތެރިންނަށް އަލުން މަސައްކަތް ކުރުމުގެ މަގުފަހިކޮށްދެމުންދާއިރު ސަރުކާރުގައި ޚިދުމަތް ކުރެވޭ އުމުރު 75 އަށް ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުން ހަވާސާވިޔަނުދީ، އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުޞަތު ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކި ދާއިރާތަކުގައި ޚިދުމަތްކުރާ މަސައްކަތްތެރިންނަށް ބޯހިޔާވަހިކަމުގެ ޚާއްސަ ސްކީމެއް ތައާރަފު ކުރުމާއި މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ކަށަވަރު ކުރުމާއި މަސައްކަތުގައި ކުރިއަށްދިއުމަށް ލުއި ލޯނު ދިނުމާއި އާމްދަނީ ލިބޭނެ މާކެޓުތައް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. މިކަންކަން ސަރުކާރުން މިހާރު ފަށާފައިވާ ކަމަށާއި ޤައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަންކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ހިނގަމުންދާ އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އައު އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ބޮޑެތި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަޤްވާމީ މާރުކޭޓުތަކުން ފުރުޞަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ޤައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ފަސް އަހަރުގެ ތެރޭގައި ހޯއްދަވައިދެއްވުމަށް އެމަނިކުފާނުގެ އުއްމީދެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ