"ކޫލް ސްކޫލް" ޕްރޮޖެކްޓު: ށ. ފޭދޫ ސްކޫލުގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް ފެނަކައިން ފަށައިފި

ސަރުކާރުން ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން، ށ. ފޭދޫ ސްކޫލުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމްތަކަކީ ދަރިވަރުންނަށް އުނގެނުމަށް ފަހި، ފިނި އަދި އަރާމު މާހައުލަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު ގައުމީ މަޝްރޫއެކެވެ.
ފެނަކައިން މައުލޫމާތު ދޭ ގޮތުގައި، މި މަސައްކަތުގެ ދަށުން ފޭދޫ ސްކޫލުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނިމުމުން، ހޫނުގަދަ ދުވަސްވަރު ދަރިވަރުންނާއި މުދައްރިސުންނަށް ކްލާސްތަކުގައި ކުރިމަތިވާ ބޮޑެތި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ކިޔަވައިދިނުމުގެ މާހައުލަށް އިތުރު ދިރުމެއްލިބި، ކުދިންގެ އުނގެނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މި މަޝްރޫޢު ފަރުމާކޮށްފައިވަނީ ދަރިވަރުންނާއި މުދައްރިސުންގެ ސިއްހަތާއި ހިތްހަމަޖެހުމަށް ޚާއްސަ އިސްކަމެއް ދީގެންނެވެ. ރާއްޖޭގެ ގިނަ ރަށްތަކެއްގެ ސްކޫލްތައް މިހާރުވެސް "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ފިނިކުރަމުންދާއިރު، ފެނަކައިން އަންނަނީ އެކުންފުނިން ޚިދުމަތްދޭ ރަށްރަށުގެ ސްކޫލްތަކުގައި މި މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ބާރަށް ގެންދަމުންނެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، އެ ކުންފުނީގެ އަމާޒަކީ ސަރުކާރުގެ ތައުލީމީ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި ފުރިހަމަ އެއްބާރުލުންދީ، ވީހާވެސް އަވަހަކަށް ފޭދޫ ސްކޫލުގެ ހުރިހާ ކްލާސްރޫމެއްގައި އޭސީ ހަރުކޮށް ނިންމާލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ