ދަރޭތި

(ބުދަ ދުވަހާ ގުޅޭ)
މުޅި ތަން އަނދިރިވިއެވެ. އެކަކަށް އަނެކަކު ނުފެންނަ ހާލުގައި، ނޭވައި ވެސް ނުލައި އިރުކޮޅަކު ތިބެން ޖެހުނެވެ. ބޭރުން ބަޔަކު ވާހަ ކަދައްކާ އަޑުއިވުނެވެ. ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. އާދަނުމެން ތިބި ތަނުގެ ދޮރުމައްޗަށް ބަޔަކު އެރިއެވެ. އެ މީހުން ބައްތިއެއް ގެންގުޅުނެވެ. ބައްތީގެ ހުޅުކޮޅަކު މާ ގަދަ އަލިކަމެއް ނެތެވެ. އަލި ހުރި ނަމަ އާދަނުމެން ފެނުނީހެވެ. 
"މި ތާކު މެއްސެއް މަދިރިއެއް ވެސް ނެތް." މީހަކު ބުނި އަޑުއިވުނެވެ. 
"އެކަމަކު އޭނަ ބުންޏޭ..." އެހެން ބުނި މީހަކަށް ބުނެވުނީ އެ ހިސާބަށެވެ. 
"އަޅެ ކޮންމެ މީހަކު ބުންޏަސް..." އެ ހިސާބަށް ބުނެފައި ބޭރަށް ނުކުތުމުން ދެން ބުނި އެއްޗެއް ސާފެއް ނުވިއެވެ. 
އާދަނުގެ ބޮލުގައި ރިއްސައިލިއެވެ. "އޭނަ ބުންޏޭ" އެ ބުނީ ކާކު، ކޯޗެއް ބުނި ވާހަކަ ހެއްޔެވެ؟ އެ ވާހަކަ ދެއްކުމުގެ ބަދަލުގައި ބައްދަލުވުން އެ ހިސާބުން ނިންމައިލީއެވެ. ބޮނދަމުން އާދަނު ދިޔަ ގޮތަށް ދިޔައީ ގެއަށެވެ. ގެއަށް ވަންތަނައި ރަޒިއްޔާއާ ދިމާވިއެވެ. އާދަނު ދިޔައީ ސިއްސައިގެންނެވެ. 
"އާދަންހޮއްކޮ މިޔޮއް ދަންވަރު ކޮންތާކުން ތި އައީ؟" ރަޒިއްޔާ ސުވާލުކުރިއެވެ. 
"ދައްތަ މިޔޮއް ދަންވަރު މި ގޭގަ ކީއްތޯ ތި ކުރައްވަނީ؟" އާދަނު ވެސް ކުރީ ސުވާލެކެވެ. "އަޅުގަނޑު މިއައީ އަލިރަސްގެފާނު ޒިޔާރަތަށާ މެދުޒިޔާރަތަށް ނަދުރެއް ބުނެލާފަ."
"އާދަންހޮއްކޮ ދެން އެ ކަން ހަނދާން ނައްތާލާ!" ހަފީޒާއަށް އިޝާރާތްކޮށް ރަޒިއްޔާ ބުންޏެވެ. "ގައުމުގެ ވެރިމީހާއަށް ކިޔަމަންތެރިކަން އަދާކުރުމަކީ ވާޖިބެއް. ހަމީދަކީ ނުލާހިކު އޯގާވެރި، އިންސާފުވެރި ވެރިއެއް. އަހަރުމެންނަށް ވެސް އެހާ ހެޔޮ. ހުރިހާ ރައްޔިތުން އެ ތިބީ ހިނިތުންވެ އުފަލުން ފޮޅިފަ."
ރަޒިއްޔާއަކީ ހަމީދުގެ އެކަނިވެރިކަން ފިލުވައިދޭ ތަރާނާއެކެވެ. ހަމީދަށް ޓަކައި ރަޒިއްޔާގެ ދުލުން ތައުރީފެއް ނޫނީ ނީވޭނެކަން އާދަނަށް އެނގެއެވެ. 
"ހިނިތުންވުމަކީ ހާދަހާ ގިނަ މާނައެއް އޮންނަ އެއްޗެކޭ ދައްތާ!" ނޫން ކަމަށް ހެދިފައި އާދަނު ބުންޏެވެ. "ދެން އަޅުގަނޑުމެން އެ ވާހަކަ ނުދައްކަމާ ބަހީ. ވަގުތު އައިސް ޖެހުނީމަ އެ ކަމެއް އޮންނަންވާ ގޮތަށް އެ ކަމެއް ބަދަލުވެގެން ހިނގައިދާނެ. މޫސުމަކީ އަބަދު އެއް ގޮތަށް އޮންނަ އެއްޗެއް ނޫނެއްނު."
"މޫސުމުގެ ވާހަކަދެއްކީމަ މި ހަނދާންވީ!" ރަޒިއްޔާ ބުންޏެވެ. "މި އުޅެނީ ސޯސަންފުށްޓަށް ދާން. އާދަންހޮއްކޮ ދާން ވާނެ."
ސޯސަންފުށްޓަކީ ފަރުކޮޅުފުށްޓަށް ހަމީދު ދެއްވާފައި އޮންނަ ވަނަމެކެވެ. 
"އަޅުގަނޑަކީ އެތައް ފަހަރަކު ކުށްވެރިވެފަ ހުރި މީހެއް،" އާދަނު ބުންޏެވެ. "އަޅުގަނޑު ގެންގޮއްސިއްޔާ ހަމީދު ކޯފާވެދާނެ. އެހެން ނޫނަސް ދަތުރުކޮށް މަޖާކުރާ ހިތެއް މިހާރަކު ނުވޭ! ކާހިތެއް، ނިދާހިތެއް ވެސް ނުވޭ! ނޭވާ ވެސް މި ލަނީ ގަދަކަމުން."
"ތިހެންވެގެންނޭ ގެންދަން މި އުޅެނީ ވެސް،" ރަޒިއްޔާ ކުރެއް ނުކުރިއެވެ. "ދާންވާނެ."
ހަމީދު ކޮޅުނބަށް ކުރެއްވި ދަތުރުފުޅު ނިންމަވާފައި، ސީގަލް ދެ އިންޖީނު ހިއްޕަވައިގެން މާލެވަޑައިގަތެވެ. ވަރަށް އާދައިގެ، ކުދި އިންޖީނެވެ. އެއް އިންޖީނު އެޅީ ނާބައްތެއްޔެއްގައެވެ. އެއީ ފޫކަނޑާލައިފައި ހުންނަ އުޅަނދެކެވެ. އިންޖީނު އެޅުމަށް ފަހު ބައްތެލީގެ ނަމަކަށް ކިއީ ޖޭސްމީންއެވެ. ރަޒިއްޔާ އާއި އެހެން އަންހެންކުދިން ގޮވައިގެން ޖޭސްމީންގައި ފިނިބުރުޖައްސަވަން ހަމީދު ވަޑައިގަނެއެވެ. ހަނދުވަރު ރީތި ރޭރޭ، އެތައް ދަމެއް ހޭދަކުރައްވަނީ ފަޅުތެރޭގައެވެ. އާދަނަށް ހުރިހައި މަންޒަރެއް ފެނެއެވެ. އެކަމަކު، ހިލެމުން އަންނަ މެޓާގަނޑުގެ އެއްވެސް ޚަބަރެއް ހަމީދަކަށް ލިބިވަޑައެއް ނުގަނެއެވެ. ހަމީދު ހީފުޅުކުރެއްވި ގޮތުގައި މާލޭގެ ރައްޔިތުން ތިބީ ހަމީދުގެ ވެރިކަމާ ރުހި ގަބޫލުވެގެންނެވެ. 
އަންހެންކުދިން ގޮވައިގެން ޖޭސްމިންގައި ހަމީދު ފަރުކޮޅުފުށްޓަށް ވަޑައިގަތެވެ. އާދަނު ދިޔައީ އެހެން ނަވުބައްތެއްޔެއްގައެވެ. އޭގައި އިންޖީނެއް ނުހުރެއެވެ. ފަރުކޮޅުފުށްޓަކީ ހަމީދުގެ ޕިކުނިކު ދަތުރުތަކަށް ހާއްސަ ކޮށްފައި އޮންނަ ރަށެކެވެ. ކޮންމެކޮންމެ މީހަކަށް އެ ރަށަކަށް ނޭރޭނެއެވެ. އިންތިހާއަށް ނަފުރަތުކުރާ ހަމީދުގެ ރަށަކަށް ދިއުމަކީ އާދަނު ހަމަ އެއްގޮތަކަށް ވެސް ގަޔާވި ކަމެއް ނޫނެވެ. އެ ރަށަށް އާދަނު ދިޔައީ އެ ތަނުގައި ހަމީދު ކުޅުއްވާ ނާޗަރަނގީ ލޮލުންދެކިއަތުންހިފުމަށެވެ. ތަން އޮންނަ ގޮތާއި، ލިބެން ހުންނަ ހިދުމަތްތަކާއި، ކާއެއްޗެހި އަޖުމަ ބަލައިލުމަށް ޓަކައެވެ. ހިތުގައި އަނދަމުންދިޔަ އަލިފާންގަނޑަށް ކާންދިނުމަށެވެ. 
ފަރުކޮޅުފުށީގެ މެދުގައި، އެއްކޮޅުން އަނެއްކޮޅަށް އޮންނަ ދިގު މަގެއް އޮވެއެވެ. މަގު އޮންނަނީ ސާފުކޮށް، ނިކަން ރީތިކޮށް ކުނި ކަހައިފައެވެ. އެންމެ ފަތެއް ވެސް ނޯވެއެވެ. ކަނައަތް ފަރާތުގައި ދެ ފުރާޅަށް، އޮޑިހަރުގެ ގޮތަށް ހަދާފައިވާ ދިގު ގެއެއް ހުއްޓެވެ. ފައިދޮށްތައް އަޅާފައިހުރީ ތޮށިމަށާފައިވާ ރުއްމުޑިއަށެވެ. ގޭގެ ނަމަކަށް ޖަހާފައި އޮތީ މެހުމާންސަރާއެވެ. އެ ގެޔާ ޖެހިގެން އިރަށް އޮންނަނީ ފަރުދާބަގީޗާ އިންދައިފައެވެ. އެ ގަސްތައް ވަރަށް ދުރަށް އޮވެއެވެ. ގަސްތަކާ ޖެހިގެން ހުންނަނީ ރުކެވެ. 
މެހުމާންސަރާގެ މެދުގައި ދިގު، ލަކުޑި މޭޒެއް ހުއްޓެވެ. މޭޒުމަތީގައި، ރަށުން ލިބެން ހުރި ގުދުރަތީ މަލުގެ މާވަށިތައް އަތުރާފައި ހުއްޓެވެ. މޭޒުގެ ދެ ފަރާތުގައި އިށީނުމަށް ޓަކައި ރުއްމުޑި ބުރިކޮށް ބިމަށް ޖަހައި، އޭގެ މަތީގައި ދިގު ފިލައެއް އަޅައިފައި އޮތެވެ. ދެކުނުކޮޅުގައި ބޮޑު އުނދޯއްޔެއް ހުއްޓެވެ. އުނދޯލި ހީވަނީ ވަކި މީހަކަށް ހާއްސަ ކޮށްފައިވާ ހެންނެވެ. ކުނާ އަޅައި، ބާލީހާއި ކަންނެޔޮ ބަހައްޓައި، ސާމަރާ ފަންކާއެއް ވެސް އޮތެވެ. އުނދޯލި އެލުވާފައިވާ ހަތަރު ދަނގަނޑުގައި ހުރީ ޕުލާސްޓިކު ވެޔޮގަނޑެއް އޮޅައިފައެވެ. ގޭގެ އިރުމަތީގައި ތިން ގިފިލި ހުއްޓެވެ. ގިފިލިތައް ފެނިފައި އާދަނު ހިތަށް އެރިއެވެ. އެ ގިފިލީގެ އެތެރެ ހުރީ ކިހިނެއްބާއެވެ؟
މެހުމާންސަރާގެ އިންތިޒާމު ބަލަހައްޓަން ހުރީ މުހައްމަދު މަނިކާއި ކުޑަހުއްތުއެވެ. ކެއްކުމާއި ސުފުރާ ތައްޔާރުކުރުމުގައި އުޅުނީ ސަރުކާރު ނަވުގެ މީހުންނެވެ. އާދަނު ވެސް އުޅުނީ އެ މީހުންނާ އެކުގައެވެ. 
"ކަލޭމެން އެއްވެސް މީހަކު މި ރަށުގެ އިރަށް، ފަރުދާބަގީޗާ ގަސްތަކުގެ އަނެއް ފަރާތަށް ނުދާތި!" މުހައްމަދު މަނިކު ބުންޏެވެ. "މި ސަރަހައްދުގަ ކަލޭމެން އުޅޭނީ. ކައްކާނީ ނަވުގަ. ކައްކައިގެން މި ކޮޅަށް އެއްޗެހި ގެންނާނީ. ދަރިވަރުން ކާން އަންނަންވާ އިރަށް ސުފުރާ ހުންނަން ވާނީ ތައްޔާރުވެފަ."
"ލައްބަ!" ނަވުބައްތެލީގެ މީހުން އެއް އަޑަކުން ބުނެލިއެވެ. 
އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް ކިޔައިދީފައި މުހައްމަދު މަނިކާއި ކުޑަހުއްތު ދިޔައީ ރަށުގެ އުތުރަށެވެ. ކުޅިސަމާ އޮތީ އެ ތަނުގައެވެ. އެއީ ވަކި ބަޔަކަށް ހާއްސަ ސަރަހައްދެކެވެ. ކަޅިމަތި އަމާންވުމުން އާދަނު ފަހަރަކު ގިފިއްޔަކަށް ވަނެވެ. ފާހާނާ ކުރާކަށް ނޫނެވެ. ހަމަ ބަލައިލާށެވެ. ކޮންމެ ގިފިއްޔެއްގައި ވަޅެއް ބަހައްޓާފައި، ދެ ދާނި ބާއްވާފައި އޮތެވެ. އެހެނަސް ރާނާފައި ހުރި އެންމެ ވަޅެއް ވެސް ނެތެވެ. އެއް ވަޅުގެ ބޭރުން ލަކުޑި ފޮށިގަނޑެއް ޖަހާފައި ހުއްޓެވެ. ތާނގީ ހުރީ އެ ފޮށިގަނޑުގެ ތެރޭގައެވެ. ދެން ހުރި ދެ ވަޅު ވެސް ހަދާފައި ހުރީ ތާނގީ ފައްތައިގެންނެވެ. އޭގެ ބޭރުން ލަކުޑި ފޮށިގަނޑެއް ނެތެވެ. ބޮޑުކަމުގޮސްފައި ތާހިރުވާން ފެންކުރައެއް ހުއްޓެވެ. ހިތި ހަގީގަތަކީ އެއީއެވެ. ވަޅުތައް ރާނާ ވަރުގެ ތަނަވަސްކަމެއް ވެސް ސަރުކާރަކު ނެތެވެ. ރާއްޖެ އެހައި ވެސް ތަދެވެފައި ފަގީރެވެ. 
ގިފިލީގެ ކުޑަ ތަންކޮޅެއް ހިޔާކޮށްފައި ހުއްޓެވެ. ހިޔާކޮށްފައިވާ ތަނާއި ހަނޑަސްބުރި ވަކިކުރާ އިންފާހަގައަކަށް ހުރީ، ފޫ ފެންނަ ގޮތަށް ވަޅުލާފައިވާ ބިއްލޫރިފުޅީގެ ރޮނގެކެވެ. އެއީ ޒަމާނީ ގޮތެކެވެ. ހަނޑަސްބުރީގައި ވަޅުޖަހަން ހުރީ އޮމާންކޮށް، އެއްކޮޅު ފޭއްސާފައިވާ ކުރެއްޖެވެ. އެއް ގިފިލީގައި ދަގަނޑެއް ހުއްޓެވެ. ހިޔާކޮށްފައިވާ ތަނުގައި ކުޑަ ވަރެއްގެ މޭޒެއް ހުއްޓެވެ. މޭޒުގެ ބިއްދޮށުގައި، ފާރުގައި މޫނުބަލާ ލޯގަނޑެއް ހުއްޓެވެ. ކަނާތްފަރާތުގައި ބޮޑު އަލަމާރިއެއް ހުއްޓެވެ. އޭގެ އެތެރެ ވެސް ބަލައިނުލައެއް އާދަނު ހިތްހަމައެއްނުޖެހުނެވެ. އަލަމާރި ހުޅުވައިލުމުން އާދަނު އަންތަރީސްވިއެވެ. އަންހެނަކަށް ބޭނުންވާނެ ހުރިހައި އެއްޗެއް އޭގައި ހުއްޓެވެ. ހީވަނީ ފިހާރައެއް ހެންނެވެ. ފާޑުފާޑުގެ ސައިބޯންޏާއި މޫނުގައިޖަހާ ފުށާއި ފުށްޖަހާމަލާއި ފުނަލާއި ބޮލުގައިޖަހާ ކަޅުދައްޗާއި ޓިސްދައްޗާއި ތުންފަތްރަތްކުރާބޭސް ހުއްޓެވެ. ތިލެލާއި މާތެލާއި ސަންފާތެލާއި ޒައިތޫނިތެލާއި އާމަނަކަތެލާއި ބަދަންތެލާއި ސުކުންތުރާތެލާއި ރާޖަވަންސީގެ މީރުވަސްދުވާ ތެޔޮ ވެސް ހުއްޓެވެ. ކެލާއަތަރާއި ފިނިފެންއަތަރާއި ބޮކަރުއަތަރާއި އަންބަރީ އަތަރާއި ހީކޯ އަތަރާއި ޕާޓުރާ ސެންޓުގެ ކުދި ފުޅިތައް ހުއްޓެވެ. ބާޓަލީވާލާގެ ރަތްބޭހާއި ކޮލޮރްޑޭނާއި ކޯލާވާޓަރާއި ފެންކިއުލަރު ވެސް ހުއްޓެވެ. އަންނައުނު ބައިގައި ތުވާއްޔާއި ފޭއްޔާއި ކުދިރުމާލުގެ ތިން ފޮށި ހުއްޓެވެ. ގަމީހުގައިލާ ގޮށާއި ބަރަންޏާއި ތިނޯސް ވެސް ހުއްޓެވެ.
އާދަނު ކުރިން ނުދެކޭ ޒާތެއްގެ އެއްޗެއް ވެސް ފެނުނެވެ. އޭގައި ބުޅިގޮށްތަކެއް ހުއްޓެވެ. އެ ނަގައިގެން ބަލަބަލާ ވެސް އެއީ ކޯޗެއް ކަމެއް އާދަނަކަށް ހަމަ ނޭނގުނެވެ. ވާލަކާ ވައްތަރުވެއެވެ. ފޮތިން ފަހާފައިވާ އައިނަކާ ވެސް ވައްތަރުވެއެވެ. އެއީ އާދަނުގެ ގޭތެރެއިން ވެސް ފެނުނު އެއްޗެއް ނޫނެވެ. ހަފީޒާއާ ރައްޓެހިވެގެން އުޅުނެއް ކަމަކު، ބޮޑުވަރަކަށް އާދަނު ކުރާ ކަމަކީ އަތުގައި ހިފައިލުމެވެ. އެހެންކަމުން، މި ގޮތް ނޭނގޭ އެތި އާދަނު ހައިރާންކުރުވިއެވެ. 
ގިފިލިން ނުކުމެފައި، ކައިރީގައި ހުރި ރުއްބުޑެއް މަތީ އިށީނދެގެން ވިސްނަން އާދަނަށް އިނދެވުނެވެ. މީހުން އަތުން އަންނައުނު ހުސްވެގެން ގޯނި އަނދެގެން މަހަށްދާ މީހުން ބައިވަރެވެ. ހުކުރު ހަމަވާ ވަރަށް މިސްކިތަށް މީހުން އެއްވާ އިރު، ކަތީބާއި މުދިމުންގެ ތެރެއިން ދެ މުންޑު އޮތް މީހެއް ނަމަ އެއް މުންޑު ޖެހޭނީ މުންޑު ނެތް މީހަކަށް ދޭށެވެ. ހުކުރުން ފައިބާފައި މުންޑު އަނބުރައި ރައްދު ކުރަނީއެވެ. ކުޑަކުދިން، މައިމީހާގެ އަތްދަނޑިމަތީގައި މަރުވެފައި ތިބޭ މަންޒަރު ރަށްފުށުގައި އާންމުވެއްޖެއެވެ. ވެލާބިސް ވިއްކަން އެންމެ ގިނައިން އުޅޭ މާއްޑޫ މީހުން، ބިސް ގަންނާނެއްބާއޭ ގޮވައިލުމާ އެކު ގޭތެރެއިން ކިހާ ވަރަކަށްބާއޭ ގޮވާލުމުން ބިސް ވިއްކާ މީހާ ބުނާނީ ބާފޭރާމަށޭއެވެ. އެކަމަކު ފަރުކޮޅުފުށީގެ ގިފިލިތަކުން އާދަނަށް ފެނުނީ މުޅީން އެހެން މަންޒަރެކެވެ. 
ރަށުގެ އުތުރުފަރާތަށް ދިޔުން މަނާކޮށްފައިވާތީ، އެ ތަނުގައި ހިނގަނީ ކޮން ކަމެއްތޯ ވެސް ބަލައިނުލައެއް އާދަނަކަށް ކެތެއް ނުވިއެވެ. މެހުމާންސަރާގައި އިށީނދެގެން އިންނަ އިރު ވެސް އާދަނުގެ ކަޅި ހުރީ ރަށުގެ އުތުރުކޮޅަށެވެ. އެންމެ ފަހުން އާދަނު ތެދުވިއެވެ. ކަޅިމަތިބަލާފައި، މަނާ ސަރަހައްދާ ދިމާއަށް ހިނގައިގަތެވެ. ފަރުދާބަގީޗާ ގަސްތައް ފަސްދީ، އެ ދިމާއިން އަތިރިމައްޗަށް ނުކުމެފައި ބަލައިލިއެވެ. ކަމަކުދާކަށް ނެތެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ