ޖުނައިދުގެ ތިން ވަނަ ފިލްމު ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފި
މިދިޔަ ޑިސެމްބަރު މަހުގެ 12ގައި ރިލީޒްކުރާނެކަން އިއުލާނުކުރި އެކްޓަރު ޖުނައިދު ޚާންގެ ފިލްމު "މޭރޭ ރަހޯ" ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ. މި ފިލްމަކީ ޖުނައިދުގެ ބައްޕަ އެކްޓަރު އާމިރު ޚާންގެ އަމިއްލަ ފިލްމު ކުންފުނިން އާމިރު ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. ދެކުނުގެ ބަތަލާ ސައި ޕައްލަވީއާއި ޖުނައިދު ފެންނާނެ އެކްޓަރުގެ ކެރިއަރުގެ ތިން ވަނަ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް މިހާރު ބުނެފައި ވަނީ މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށެވެ. އެހެންނަމަވެސް ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ މިޑް-ޑޭގައި ބުނެފައިވާ ގޮތުން "މޭރޭ ރަހޯ" ޑިސެމްބަރު މަހު ރިލީޒް ނުކުރުމަށް ނިންމީ އެ މަހަކީ ވަރަށް ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމުގައި އަވަދިނެތި އުޅޭނެ މައްސަރަކަށް ވުމުގެ އިތުރުން މިދިޔަ މަހު ރިލީޒްކުރި ފިލްމު "ދުރަންދަރު"ގެ ކާމިޔާބީއާ ވެސް ގުޅިގެންނެވެ. ޖުނައިދު އާއި ސައި ފިލްމު "މޭރޭ ރަހޯ"ގެ ޝޫޓިންގްތެރޭ--ފޮޓޯ/އެމްއެސްއެން ފިލްމު ޑިސެމްބަރު މަހު ރިލީޒްކުރުމަށް ޕްލޭންކުރި މާކެޓިންގް ސްޓްރެޓެޖީ އާމިރަށް ކަމުނުދިޔުން ވެސް ފިލްމު ފަސްކުރުމުގެ ސަބަބުތަކުގެތެރޭ ހިމެނޭ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޚާއްސަކޮށް ޖުނައިދުގެ ކެރިއަރުގެ ދެވަނަ ފިލްމަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އެކްޓަރުގެ ތިން ވަނަ ފިލްމަށް ބެލުންތެރިންގެ ތަރުހީބު ލިބުން ވަރަށް މުހިއްމު ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެހެންވެ ފިލްމު "މޭރޭ ރަހޯ" ރިލީޒްކުރާނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވުމަށްފަހު ކަމަށް އާމިރުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. ސުނިލް ޕާންޑޭ ޑައިރެކްޓްކޮށް ގެނެސްދީ "މޭރޭ ރަހޯ" އަކީ އާމިރު ޚާން އާއި މަންސޫރު ޚާން ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މަންސޫރު ޚާން އަކީ އާމިރުގެ ކެރިއަރުގެ އެންމެ ހިޓު ފިލްމުތައް ކަމަށްވާ "ގަޔާމަތު ސޭ ގަޔާމަތު ތަކް"، "ޖޯ ޖީތާ ވޮހީ ސިކަންދަރު" އަދި "އަކޭލޭ ހަމް އަކޭލޭ ތުމް"ގެ ޑައިރެކްޓަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ