ވަޒީރުން އިސްތިއުފާ ދިން ސަބަބު ތެދަށް ބުނެދޭންޖެހޭ

މި ސަރުކާރުގައި ހިމެނޭ 10 ވަޒީރަކު އިއްޔެ އިސްތިއުފާ ދެއްވި ސަބަބު ތެދުބަހުން ބުނެދޭންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ކެބިނެޓްގެ 10 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޤައުމުގެ ސިޔާދަތު ހިފަހައްޓަން ހުރި ދިފާއީ ވަޒީރާއި، ގައުމުން ބޭރުގައި ސިޔާދަތުގެ ރައްކާތެރިކަމަށް މަސައްކަތްކުރާން ހުރި ޚާރިޖީ ވަޒީރު ހިމެނޭހެން 10 ވަޒީރަކު އިސްތިއުފާދިނުން ނުވަތަ ވަކިކުރުމުގެ ފަހަތުގައި ކަށަވަރުން ވެސް ބޮޑެތި ސަބަބުތަކެއް ވާނެ ކަމަށެވެ.
"ސަރުކާރަކުން މި ސަބަބުތައް ސިއްރުކޮށްގެން ނުތިބެވޭނެ. ރައްޔިތުންނަށް މި ވާނުވާ ތެދުބަހުން ބުނެދޭންޖެހޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ އެހެން ނޫންނަމަ ވަރަށް ބިރުވެރި ގޮތްގޮތަށް މާނަކުރުމުގެ ޖާގަ މިކަމުން ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒު އިއްޔެ ވަނީ ކެބިނެޓްގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް ބަދަލުތަކެއް ގެންނަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ