އިސްތިއުމާރީ
އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ބުރާސްފަތި ދުވަހުގެ
ހެނދުނުން ފެށިގެން ދިން އުދުވާނީ ހަމަލާތަކުގައި 35 މީހުން ޝަހީދުކޮށްލާފައިވާ
ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެފިއެވެ.
މި ހަމަލާތަކުގައި
އިތުރު 99 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ޣައްޒާގެ އަބްދު -އަލްއާލް
ހަތަރުއަނގޮޅީގައި ހުރި އާންމުން ދިރިއުޅޭ އިމާރާތަށް ބޮންއެޅުމުގެ ސަބަބުން 7 އަންހެނުންނާއި
ކުޑަކުދިން ޝަހީދުވެފައި ވާއިރު، ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ހުރި ގެއަކަށް
ބޮންއަޅައި 15 މީހުން ޝަހީދުކޮށްލާފައި ވެއެވެ.
ޣައްޒާގެ އުތުރުގެ
ކަމާލް އަދްވާން ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ވަރަށް އިސް އޮޕަރޭޝަން
ޑޮކްޓަރެއް ކަމަށްވާ ސައީދު ޖޫދާއަށް ހަމަލާދީ ޝަހީދުކޮށްލާފައި ވެއެވެ. ޒަޔަނިސްޓުން
އޭނާއަށް ހަމަލާ ދީފައިވަނީ ހޮސްޕިޓަލާ ދިމާއަށް ވަޑައިގަންނަވަނިކޮށެވެ.
ރަފަހް ސިޓީގައި،
އާންމުންނަށް އެހީގެ ސާމާނު ބަހަން އުޅުނު މީހުންގެ ބޮލަށް ބޮންއަޅައި 13 މީހުން
ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.
ޣައްޒާގެ މީޑިއާ އޮފީހުން
ބުނެފައިވަނީ، އެހީގެ ސާމާނު ބަހަން އުޅުނު މީހުންގެ ބޮލަށް ޒަޔަނިސްޓުން
ބޮންއެޅީ، ޣައްޒާގެ އާންމުންނަށް އިންސާނީ އެއްވެސް އެހީއެއް ލިބުނަނުދީ، ބަނޑަށްމެރުމަށް
ޒަޔަނިސްޓުން ގެންގުޅޭ ސިޔާސަތުގެދަށުން ކަމަށެވެ.
އަނެއްކޮޅުން، އެކި
ގޮތްގޮތުން ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ ޓްރަކްތައް ލޫޓުވުން އާންމުވެފައި
ވާއިރު، މިއީ އިސްރާއީލުން މުޖުރިމު ގޭންގްތަކަށް ހިތްވަރުދީގެން ކުރުވާ ކަމެއް
ކަމަށްވެސް މިހާރުވަނީ ހާމަވެފައެވެ. މީގެ ބޭނުމަކީވެސް ޣައްޒާގެ އާންމުންނަށް
އެއްވެސް އެހީއެއް ނުލިބި ނިކަމެތިކުރުމެވެ.
މިއަހަރުގެ
ސެޕްޓެމްބަރު މަހުގެ 30 އިން ފެށިގެން ޒަޔަނިސްޓުން ގެންދަނީ ޣައްޒާގެ އުތުރުފަޅި
އެއްކޮށް ބަންދުކޮށް، ހުރިހާ އިމާރާތަކަށް ބޮންއަޅައި، ދިރިތިބި ބަޔަކު ވިއްޔާ
މަރައިހުސްކޮށް، އަދި ކުޑަކުދިންނާއި އަންހެނުން އެއްތަނުން އަނެއްތަނަށް
ފައްސަމުންނެވެ.
ޣައްޒާގައި
ވެރިކަންކުރާ ގާޒާ ސިޓީގެ ދެ އަވަށެއްގައި ތިބި އާންމުން ގެދޮރުން ނުކުތުމަށް
މިހާރުވެސް ވަނީ އަމުރުކޮށްފައެވެ. އެއީ، އެ ދެ އަވަށުގައި ކޮޅަށް ހުރި ހުރިހާ
އިމާރާތަކަށް ބޮންއަޅައި ބިމާހަމަކުރުމަށެވެ.
އިސްތިއުމާރީ
އިސްރާއީލުން މުޅި ޣައްޒާ ސުންނާފަތިކޮށް ނަސްލުނައްތާލަމުން ގެންދަނީ
އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުގެ ފުރިހަމަ އެހީތެރިކަމުގައެވެ.
ޣައްޒާގައި ހިންގާ
ޖަރީމާތަކާހެދި ނަތަންޔާހޫއަކީ މުޖުރިމެއް ކަމަށާއި، އޭނާ ހިފައި ހައްޔަރުކުރުމަށް
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރުމުންވެސް ހުޅަނގުގެ ބައިވެރިން
ގެންދަނީ އެ ޖަރީމާތައް ހިންގުމަށް ހުއްޓާނުލާ ހަތިޔާރު ފޯރުކޮށްދީ ޖަރީމާތައް
ހިންގުމުގައި ފުރިހަމައަށް ބައިވެރިވަމުންނެވެ.
މިއަދު އެކަނިވެސް ޣައްޒާއިން 35 މީހުން ޝަހީދު، މުޖުރިމު ނަތަންޔާހޫއަށް ހުޅަނގުން ހުއްޓާނުލާ އެހީވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ